ދުނިޔެ

ހޮންގކޮންގެ ލީޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު!


ހޮންގކޮންގެ ލީޑަރު އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކެރީ ލާމް ކާމިޔާބުކުރައްވައިފިއެވެ. 

7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންގކޮންގެ މިހާރުގެ ލީޑަރުގެ ނާއިބަކަށް ހުންނެވި ކެރީ ލާމް އިންތިޚާބު ކާމިޔާބުކުރެއްވީ، އިލެކްޝަން ކޮމިޓީގެ 1200 ވޯޓުގެ ތެރެއިން 777 ވޯޓު ހޯއްދަވައިގެނެވެ. މިއީ ހޮންގކޮންގެ ލީޑަރުކަމަށް އަންހެން ބޭފުޅަކު އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

ލާމްއާ އެންމެ ކައިރިން ވާދަކުރެއްވި ހޮންގކޮންގެ ކުރީގެ ފިނޭންސް މިނިސްޓަރެއްކަމަށްވާ ސަންގް ޗުންވާ އަށް ލިބިވަޑައިގަތީ 365 ވޯޓެވެ. އަދި ކުރީގެ ފަނޑިޔާރެއްކަމަށްވާ ވޮކް ހިންގއަށް ލިބިވަޑައިގަތީ 21 ވޯޓެވެ. 

img:http://s4.psmnews.mv/images/660x400/14905337917626.jpg|ހޮންގކޮންގެ ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި، ކެރީ ލާމް (މެދުގައި) އަދި އިންތިޚާބުން ނާކާމިޔާބުވި އަނެއް ދެ ކެނޑިޑޭޓުން / ފޮޓޯ: ޒިންހުއާ\

ޗައިނާގެ ދަށުން ހިނގަމުންދާ ހޮންގކޮންގެ ލީޑަރު ނުވަތަ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރަނީ 1200 އެއްހާ މީހުންގެ މައްޗަށް އެކުލެވޭ އިންތިޚާބީ ކޮމިޓީއަކުންނެވެ. 

އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ލާމް ވިދާޅުވީ، ހޮންގކޮންގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމަށް ޙައްލެއް ގެންނަވާ، ޤައުމަށް ހަމަޖެހުން ގެންނަވާނޭކަމަށެވެ. އަދި އެކި ދާއިރާތަކުގެ ބޭފުޅުންނާއެކު ޤައުމުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރައްވާނޭކަމަށްވެސް ލާމް ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާގެ ބަޖެޓު 644 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުކުރައްވާ، ގެދޮރުގެ ދަތިކަމުގެ މައްސަލަވެސް ޙައްލުކުރެއްވުމަށް ލާމް ވަނީ ވަޢުދުވެވަޑައިގަންނަވާފައެވެ. 

img:http://s2.psmnews.mv/images/660x400/14905337326455.jpg|ހޮންގކޮންގެ ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި، ކެރީ ލާމް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޒިންހުއާ

އިންތިޚާބުގައި ލާމްއާ އެންމެ ކައިރިން ވާދަކުރެއްވި ކެނޑިޑޭޓް ވަނީ ބަލި ޤަބޫލުކުރައްވައި، ލާމްއާއެކު ކުރިއަށްދިއުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. ހޮންގކޮންގެ މިހާރުގެ ލީޑަރު ވަނީ ލާމް އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދިޔަކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. 

ކެރީ ލާމް، ހޮންގކޮންގެ ލީޑަރުކަމުގެ މަޤާމާ ރަސްމީގޮތުން ހަވާލުވެވަޑައިގަންނަވާނީ ޖުލައިމަހުގެ އެއްވަނަ ދުވަހު އޮންނަ ޚާއްސަ ރަސްމިއްޔާތެއްގައެވެ.