ޚަބަރު

ފ.އަތޮޅު ކައުންސިލުން ގެސްޓް ހައުސް މަޝްރޫޢެއް ފަށައިފި


ފ.އަތޮޅު ރައްޔިތުންގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށް، އަތޮޅު ކައުންސިލުން ގެސްޓް ހައުސް މަޝްރޫޢެއް ފަށައިފިއެވެ. 

މިއީ ކައުންސިލަށް ލިބޭ ޢާންމުދަނީ އިތުރުކޮށް، ރަށްރަށުގެ ތަރައްޤީއަށާއި، އިޖުތިމާޢީ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރިއަށްގެންދަވާ މަޝްރޫޢެއްކަމަށް ފ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

ފ.އަތޮޅު ކައުންސިލްގެ، ގެސްޓް ހައުސް މަޝްރޫޢު ކުރިއަށްގެންދަވަނީ، ނިލަންދޫގައި ހުންނަ އަތޮޅުގޭގެ ހުސްބިމުގައެވެ. ފ.އަތޮޅު ކައުންސިލުން ވިދާޅުވީ ގެސްޓްހައުސް މަޝްރޫޢު ކުރިއަށްގެންދަވަން ހަމަޖައްސާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި 8 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާއިރު، މިހާރުވަނީ ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިކަމަށެވެ.  

ޕީ.އެސް.އެމަށް މަޢުލޫމާތުދެއްވަމުން ފ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އިބްރާހީމް ނަޞީރު ވިދާޅުވީ، އަތޮޅު ކައުންސިލްގެ މި އިސްނެންގެވުމަކީ ހުސްބިމެއް ބޭނުންތެރި ގޮތުގައި، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބޭނުން ކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދަވާ މަޝްރޫއެއް ކަމަށެވެ. މަޝްރޫޢު ނިމޭއިރު، ފުރިހަމަ ގެސްޓްހައުސްއަކަށް އަތޮޅުގޭ ހުސްބިން ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ފިޔަވަހީގެ 8 ކޮޓަރި ހަދަމުން މިދަނީ. ދެވަނަ ފިޔަވަހީގައި ރެސްޓޯރަންޓް ނުވަތަ ކެފޭއެއް ހުންނާނެ. އަދި މުޅި ޕްރޮޖެކްޓް ނިމޭއިރު، ސްވިމިންގ ޕޫލަކާއެކު، ފުރިހަމަ ގެސްޓްހައުސްއަކަށް މިތަން ހެދުން އަޅުގަނޑުމެންގެ އަމާޒަކީ." ނަޞީރު ވިދާޅުވިއެވެ.

ފ.އަތޮޅު ކައުންސިލުން މިހާރުވެސް ގެންދަވަނީ، އެއަތޮޅު ރައްޔިތުން ޙިއްސާވާ ފިހާރައެއް ނިލަންދޫގައި ހިންގަމުންނެވެ. އެހެންކަމުން ފިހާރައެކޭ އެއްގޮތަށް ގެސްޓް ހައުސް މަޝްރޫޢުވެސް ކާމިޔާބުވާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. ނަޞީރު ވިދާޅުވީ ފ.އަތޮޅުގެ ރަށްތަކުގައި ނުކުރެވި ހުރި ތަރައްޤީއާ ގުޅޭ ކަންކަމާއި، އިޖުތިމާޢީ ކަންކަން ކުރެވޭ ވަރަށް ކައުންސިލްވެސް ވަރުގަދަ ވާންޖެހޭ ކަމަށެވެ.

ފަތުރުވެރިންގެ އިތުރުން، ދިވެހިންނަށްވެސް ގެސްޓް ހައުސްއިން ޚިދުމަތް ލިބިގެންދާނެކަން ފ.އަތޮޅު ކައުންސިލުން ފާހަގަކުރައްވައެެވެ. މިއީ ފ.އަތޮޅުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފ.އަތޮޅު ކައުންސިލުން ފަހަގަކުރެއެވެ.