ޚަބަރު

މާބަނޑު މުވައްޒަފުންނަށް ދެއްވި ޗުއްޓީ ނިމުމަކަށް ގެންނަވައިފި


އިންފުލުއެންޒާ ރޯގާ ފެތުރެމުންދާތީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް ސިވިލް ސަރވިސް ކޮމިޝަނުން ދެއްވި ވަޤުތީ ޗުއްޓީ ނިމުމަކަށް ގެންނަވައިފިއެވެ. 

އިންފުލުއެންޒާ ރޯގާއާ ގުޅިގެން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުން، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް މަސައްކަތަށް ނިކުންނަން ނުޖެހޭ ގޮތަށް ހަމަޖެއްސެވީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތަށް ހަމަޖެއްސެވީ އިންފުލުއެންޒާ ރޯގާގައި އެންމެ ނުރައްކާތެރި ޙާލަތް މެދުވެރިވި ކެޓަގަރީގައި މާބަނޑު މީހުން ހިމެނޭތީ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުއްވި ސަރކިއުލާއެއްގައި ވަނީ އިންފުލުއެންޒާ ރޯގާއާ ގުޅިގެން ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުން މަސައްކަތަށް ހާޒިރުވުމުގައި ހަމަޖައްސައިދީފައިވާ ލުއި ގޮތް މިއަދުން ފެށިގެން ނިމުމަކަށް ގެންނަވާފައިވާކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުންނަންޖެހޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.