ސިޔާސީ

"މަސީހުގެ އިތުބާރު ނެތްކަމަށް ދައްކާ ވާހަކައިގެ އަސްލެއް ނެތް"


ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަކީ އިދިކޮޅު ފަރާތްތަކަށް  ފަސޭހަކަމަކަށް ނުވާނެކަމަށާއި އަދި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް މެމްބަރުންގެ ފޯމްތައް ޙަވާލުކުރުމަށް އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް، މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ޤަވާޢިދާ ޤާނޫނު އަސާސީގެ ހަމަތަކާ އެއްގޮތަކަށް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަޖިލީހުގައި ވިދާޅުވެއެވެ. އަދި މަޖިލީހުގެ ރައީސަކީ ޚުދުމުޚްތާރު ބޭފުޅެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މިހާތަނަށް އެއްވެސް ޖަލްސާއެއްގައިވެސް އަދި އެހެން އެއްވެސް ތަނެއްގައިވެސް ރައްދެއް ދެއްވާފައެއް ނުވެއެވެ. ޑިމޮކްރަޓިކް ނިޒާމެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އޮންނަންޖެހޭނެ ކަމެއްކަމަށް އެމަނިކުފާނު އަންނަނީ އަބަދުވެސް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައި ވަނީ ޤާނޫނު އަސާސީގައި ބަޔާންކުރައްވާފައިވާ ޢަދަދަށް މެމްބަރުންގެ ސޮއި ހަމަކުރައްވައިގެން ކަމަށްވީ ނަމަވެސް އެ ޤަރާރުގައި ސޮއިކުރެއްވި ގިނަ މެމްބަރުން މިހާރު ވިދާޅުވަމުން އަންނަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓު ނުދެއްވާނެ ކަމަށެވެ. މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސްގެ ޢަމަލުތައް ބަހައްޓަވަނީ މަޖިލީހުގެ ޤަވާއިދާ ޤާނޫނު އަސާސީއާ އެއްގޮތަށް ނޫން ކަމަށް އިދިކޮޅު ފަރާތްތަކަށް ޤަބޫލުނުކުރެވޭ ނަމަ އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭނީ މިއަދު ނޫން ކަމަށެވެ.

"އެހެންވެ މިހާރު މިއުޅެނީ މިދެންނެވި ގޮތަށް މިހާރު ނޫސްތަކުގެ ސުރުޚީތަކުން މި ކެޕްޗަރކުރާ މީހުންގެ ޖަޒްބާތު އޭގައި އުޅޭ ކަންތައްތަކާއި ސިޔާސީ ގޮތުން ސަރުކާރަށް ދަތި ކުރުމުގެ ގޮތުން ސިޔާސީ ވާދަވެރިން ތެޅިފޮޅިގަންނަ މިންވަރާއި މީގެކުރިންވެސް އަޅުގަނޑުމެންނަށް ފެނިފައިހުރި ކަންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ އެއްވެސް ޙާލެއްގައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙާ ދޭތެރޭގައި މައްސަލައެއް ޖެހިގެން އަދި އެމަނިކުފާނު މަޖިލީހުގެ ޤަވާޢީދަށް ހުރުމަތްތެރިކޮށް ނުހިތާތީ ކުރަން އުޅޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޖެހިގެންއުޅޭ މައްސަލައަކީ އަދުގެ ސަރުކާރާ ދޭތެރޭގައި އޮތް މައްސަލައެއް ކަމަށެވެ.

"މި ރައީސްގެ ވެރިކަން ކަމުނުދޭ. އެހެންވީމަ ހިނގާށޭ ހުރިހާ އެންމެން މަސައްކަތް ކޮށްގެން މިވެރިކަން ނިމުމަކަށް ގެންނަން. އޭގެ ފަހުން ތިމަންނަ މެން ތަޅާ ފޮޅާނީއޭ ތިމަންނަ މެން ތެރޭން ކާކުތޯ ވެރިއަކަށް އަންނާނީ،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު މަޖިލީހުގެ ޤަވާޢިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނީ ނޯޓިސް ދޭ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އޭގެ ފަހުން އެހެން އެއްވެސް މައްސަލައަކާމެދު ބަޙުސްކުރަން ފެށޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށްވެސް ޤަވާޢިދުގައިވެއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ތިންގަޑިއިރަށްވުރެ ދިގުނުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށްވެސް ޤަވާއިދުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މަޖިލިސް ރައީސްއާ ދެކޮޅަށް ހުށަހަޅުއްވާފައިވާ މައްސަލާއިގެ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ.

އަށާރަވަން ރައްޔިތުން މަޖިލީހުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ޢަބްދުﷲ މަސީޙަކީ މިވަގުތު މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް މެމްބަރުވެސްމެއެވެ. ރައްޔިތުން މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާ ތަމްސީލްކުރައްވާ މަޞީޙް މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތީ 28 މެއި 2014 ގައި ބޭއްވެވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބުކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.