ތަޢުލީމު

އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވޭނެ


ފުރަތަމަ ޓާރމްގެ މެދު ޗުއްޓީއަށްފަހު އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވާ ކިޔަވައިދެއްވަން ފައްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ނިންމެވީ، މި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ރޯގާފެތުރެމުންދިޔަ މިންވަރާއި އިޖްތިމާޢީ ޙާލަތަށް ރިޢާޔަތްކުރެއްވުމަށްފަހު، އިންފުލުއެންޒާ ރޯގާ އާއި ގުޅިގެން ހެލްތް މިނިސްޓްރީން އެކުލަވާލި ކޮމިޓީގެ ލަފާގެމަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ފުރަތަމަ ޓާމް ނިމުމުގެ ކުރިން ސްކޫލްތައް ބަންދުކުރައްވާފައިވަނީ ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން ސްކޫލް ދަރިވަރުންގެ ރައްކާތެރިކަމަށް އެޅި ޚާއްޞަ ފިޔަވަޅެއްގެ ގޮތުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ސްކޫލްތައް ހުޅުވައި ކިޔަވައިދެއްވުމުގެ ކަންތައްތައް ކުރިއަށްގެންދިޔަނަމަވެސް، އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަނަމަ އެކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް، ޞީއްޙީ ފަރުވާ ހޯއްދެވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް މިފަދަ ކަންކަމާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ގެއްލޭ ފިލާވަތުތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް، މިއަހަރު ވެސް ސްކޫލުތަކުން ހަމަޖައްސަވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.