ސިޔާސީ

"ޕާޓީގެ ނަން ކިލަނބުވާގޮތަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އެޅޭނެ"


ޕީޕީއެމްގެ ނަން ކިލަނބުވާގޮތަށް ޕާޓީގެ ނަމާއި ދިދަ އަދި ލޯގޯ ބޭނުންކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާމެދު ވިސްނަމުން ގެންދާކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ އިދިކޮޅު ބައެއް ފަރާތްތަކުން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި ޕީޕީއެމްގެ ނަމުގައި އަޙްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގެން ޕާޓީގެ ދިދަ ބޭނުންކުރައްވާފައިވާތީ އެކަން ކުށްވެރިކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ވަނީ ޕީޕީއެމުން ވަކިކޮށްފައިވާ ފާރިސް މައުމޫން ޕީޕީއެމްގެ ނަން ކިލަނބުވާގޮތަށް ޕީޕީއެމްގެ ނަމާއި ދިދައާއި ލޯގޯ ބޭނުންކުރައްވައިގެން ހިންގަވާ ޢަމަލުތަކަކީ ޕާޓިގެ މެމްބަރުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ގޮތުން ހިންގަވާ ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި ޕާޓީ ހިންގުން ކޯޓުން މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ޙަވާލުކުރައްވާފައިވާތީ ޕާޓީގެ ނަމުގައި ފޯރަމްތަކުގައި ތަމްސީލުކުރައްވާނެ ފަރާތްތައް ކަނޑައަޅުއްވާނީ ރައީސް ޔާމީނު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ފާރިސް މައުމޫން ހިންގެވި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބަޔާންކޮށް، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުމަށް ވިސްނަމުންދާކަމަށްވެސް ޕީޕީއެމްގެ ބަޔާންގައިވެއެވެ.