ޚަބަރު

ވެސްޓްމިނިސްޓަރ ކައިރީ ޙަމަލާތަކެއްދީ، 4 މީހުން މަރުވެއްޖެ !


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތް، ޕެލަސް އޮފް ވެސްޓްމިނިސްޓަރ ބޭރުގައި ދިން ޙަމަލާއެއްގައި 4 މީހަކު މަރުވެއްޖެއެވެ. ބްރިޓިޝް ޕާލިމެންޓް ޢިމާރާތުގެ ބޭރުގައި ހިނގި މިހާދިސާގައި މަރުވި ހަތަރު މީހުންގެ ތެރޭގައި ފުލުސް އޮފިސަރަކާއި ޙަމަލާ ދިން މީހާވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. 

img:http://s4.psmnews.mv/images/660x400/14902120644804.jpg|ވެސްޓްމިނިސްޓަރ ބޭރުގައި ދިން ޙަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

ޙަމަލާ ދިން މީހާ ވަނީ ކާރެއްގައި ބާރު ސްޕީޑެއް ގޮސް، ވެސްޓްމިނިސްޓަރ ޢިމާރާތުގެ ބޭރު ފާރުގައި ޖައްސާފައެވެ. އޭނާ ގަޔަށް ފުލުހުން ބަޑި ޖަހާފައިވަނީ ފުލުހަކަށް ވަޅިން ޙަމަލާދިން ފަހުން ކަމަށް ޚަބަރުތައް ބުނެއެވެ. މިހާދިސާގައި އިތުރު ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެއީ އޭނާ ކާރުން ޖެއްސުމުން ލިބުނު ޒަޚަމްތަކެއްކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. 

img:http://s2.psmnews.mv/images/660x400/14902120366352.jpg|ވެސްޓްމިނިސްޓަރ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

ފުލުހުން މިމައްސަލަ ބަލަމުންދަނީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައިކަމަށް ޚަބަރުތައް ބުނެއެވެ. 

މިހާދިސާ ހިނގިއިރު ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ ޖަލްސާއެއް ކުރިއަށްދިޔައެވެ. މިހާދިސާ ހިނގިވަގުތު ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ލަންޑަންގައި ހުންނެވި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދުވެސް ހުންނެވީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތުގެ ތެރޭގައެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ޕީއެސްއެމްއާ ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އަދި އެވަގުތު ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ހުންނެވި އިނގިރޭސި ބޮޑުވަޒީރު ވަގުތުން އެހެން ސަރަޙައްދަކަށް ވަނީ ގެންގޮސްފައެވެ.

img:http://s4.psmnews.mv/images/660x400/14902120782538.jpg|ވެސްޓްމިނިސްޓަރ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

މިހާދިސާއަށްފަހު އެސަރަޙައްދުގެ ސަލަމާތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.