ކުޅިވަރު

ރަންވަނަ ހޯދުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއް


ރަންވަނައެއް ހޯދުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިއީ ރާއްޖޭގެ ބޭއްވޭ ބައިނަލްއަޤްވާމީ ފުރަތަމަ ވޮލީ މުބާރާތްކަމުން މި ރަނުގެ ފުރުސަތުގެ ބޭނުން ހިފައި ޤައުމަށް ރަންވަނަ ހޯދައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބައިނަލްއަޤްވާމީ މުބާރާތްތަކެއް ރާއްޖޭގައި މިއަދު މި ބޭއްވެނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ކުޅިވަރަށް ދެއްވާ ޚާއްސަ އަހައްމިއްޔަތަކުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މިއަދު ވޮލީބޯޅަ ވެގެން ގޮސްފައި މިވަނީ ރާއްޖޭގެ އެންމެ މަޤުބޫލު އެއް ކުޅިވަރަށް. ސަޕޯޓަރުންގެ އެހީއާއެކު ކާމިޔާބު ހޯދޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

ހަތަރު ޤައުމު ވާދަކުރާ މިމުބާރާތް މިއަދު ފެށިއިރު ޒުވާންނުންގެ މަރުކަޒުގައި ވަނީ މިއަދު ހަވީރު ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮލި އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވޭ ދެވަނަ ބައިނަލްއަޤްވާމީ މުބާރާތް ކަމަށާއި ޓީމަށް ކާމިޔާބު ލިބޭނީ އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުން ޓީމަށް ދޭ ސަޕޯޓުން ކަމަށެވެ.

 ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ކިރިގިސްތާން، ތުރުކުމިނިސްތާން އަދި ނޭޕާލްއެވެ.