ޚަބަރު

މަންދޫބަކަށްވުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 8 ވަނަ ދުވަހާ ހަމައަށް އިތުރުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމުއްދަތު އިތުރުކުރައްވާފައިވަނީ، ކުރިން އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެއްސެވި އިންތިޚާބު، މެއިމަހުގެ 6 ވަނަ ދުވަހަށް ފަސްކުރެއްވުމާ ގުޅިގެނެވެ.

އިލެކްޝަންސް ކޮމިޝަނުން ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފޯމު ހުށައެޅުއްވުމުގެ ފަހު ތާރީޚެއް ގޮތުގައި ކަނޑައަޅުއްވާފައި ކުރިން ކަނޑައަޅުއްވާފައި އޮތީ އިއްޔެގެ ނިޔަލަށެވެ. މިމުއްދަތު މިހާރު ވަނީ އޭޕްރީލް 8 އަށް އިތުރުކުރައްވާފައެވެ. އެހެންނަމަވެސް ކުރިން ފޯމް ހުށައަޅާފައިވާ ފަރާތްތައް އަލުން ފޯމް ހުށައަޅަން ނުޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގައި ވޯޓު ނެގުމާއި ގުނުމުގެކަންކަން ބެލުމަށް ކެނޑިޑޭޓުން އައްޔަނުކުރާ މަންދޫބަށް ވުމަށްޓަކައި ފޯމް ހުށައަޅުއްވާނީ މާލޭައި ނަމަ ބާ ޖަމާލުއްދީނުގައި ޤާއިމުކޮށްފައިވާ އިންތިޚާބީ މަރުކަޒަށް، އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްލަ ސާދަ ސަތޭކަ އަށްޑިހަ ހަތް ކެނޑިޑޭޓުން ވާދަކުރެއެވެ.