ޚަބަރު

''ފެންފަހި'' ގެ ނަމުގައި ޤައުމީ ކެމްޕޭނެއް ފަށްޓަވައިފި


ފެނާ ނަރުދަމާ އާއި ގުޅޭ ގޮތުން ޢާއްމުން ޙޭލުންތެރިކުރުވުމަށް ''ފެންފަހި'' ގެ ނަމުގައި ކެމްޕޭނެއް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނޭރޖީއިން ފަށްޓަވައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި، މިކެމްޕޭން ރަސްމީކޮށް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ.

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އިފްތިތާހުކުރި ފެން ފަހި ކެމްޕޭނަކީ، ފެނާ ނަރުދަމާ އާއި ގުޅޭ ގޮތުން ޢާންމުން ޙޭލުންތެރިކުރުވުމަށް ހިންގަވާ ކެންޕޭނެކެވެ. މިކެމްޕޭންގައި ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކުން ބައިވެރިވެއެވެ. ފެންފަހި ކެމްޕޭން އިފްތިތާޙުކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ، ފެނަކީ ދިރިއުޅުމަށާއި ޢާއްމު ސިއްޙަތަށް މުހިންމު އެއްޗަކަށްވުމާއެކު، ރައްޔިތުންނަށް ސާފު ބޯފެން ލިބިދެވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ފެނުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާ، ފެން އިސްރާފު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. މިނިސްޓަރ ވިދާޅުވީ، މިފަދަ ކެމްޕޭނެއްގެ ދަށުން، ފެން އިސްރާފު ނުކުރުމަށް ބާރުއަޅުއްވާ ގިނަ ޙަރަކާތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކެމްޕޭންގެ ދަށުން މައިގަނޑު ފަސް ޙަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތްކުރާ ޤައުމީ އިދާރާތަކާ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި، ފެނުގެ ވަޞީލަތްތަކާ ފެނާއި ނަރުދަމާގެ ނިޒާމުތަކާ ގުޅޭ ގޮތުން ސްކޫލް ކުދިންނާ ޒުވާނުންގެ ޙޭލުންތެރިކަން އިތުރުކޮށް ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ބާރު އެޅުމާއި ބައިވެރިވުން ހޯދުން ހިމެނެއެވެ.

މީގެ އިތުރުން ފެނާ ނަރުދަމާގެ ދާއިރާ ކުރިއެރުވުމާ ތަރައްޤީ ކުރުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމާއި، ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާމެދު އާންމު ރައްޔިތުން ޙޭލުންތެރިކުރުންވެސް މިކެމްޕޭންގެ ދަށުން ހިމެނެއެވެ. ފެން ބޭނުންކުރުމުގައި އިސްރާފުކުރާ މިންވަރު މަދުކުރުމާއި ބޭނުންކޮށްފައި ހުންނަ ފެން ސާފުކޮށްގެން އަލުން ބޭނުންކުރެވޭނެ ގޮތްތައް ހޯދައި އެއްގޮތަކަށް އަމަލުކުރުމަކީ ސާފު ފެން އެންމެނަށް ފޯރުކޮށްދިނުމުގެ އަމާޒަށް ވާޞިލްވުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވިއެވެ.

ފެން ފަހި ކެމްޕޭން އިފްތިތާޙުކުރުމަށްފަހު، މިނިސްޓަރ ވަނީ ފެންފަހި ލޯގޯއާއި ލުއި ފޮތް ނެރެދެއްވާފައިވެއެވެ. އެންވަޔަރަމެންޓް މިނިސްޓްރީގައި ފެން ބޯން ބޭނުންކުރާ ފުޅިއަކީ ބިއްލޫރި ފުޅިއަށް ހެދުމުގެ ގޮތުން މިނިސްޓްރީގެ ފެންފަހި ކްލަބްގެ ފަރާތުން ވަނީ، ޚާއްސަ ބިއްލޫރި ފުޅިއެއް މިނިސްޓަރ ތާރިޤަށް އަރުވާފައެވެ.