ދީން

ހިތުން ކިޔެވުމުގެ ބަޔާއި ޙާފިޡުކަމުގެ ބައި ނިންމާލައިފި


ޤުރުއާނާބެހޭ މަރުކަޒުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުއްވާލައްވައިގެން ބާއްވަވާ ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބަޔާއި، ޙާފިޡުކަމުގެ ބައި ނިންމާލައިފިއެވެ. 

ހިތުން ކިޔެވުމުގެ ބައިގައި 125 ދަރިވަރުން، އަދި  ޙާފިޡުކަމުގެ ބައިގައި 6 ދަރިވަރުން ކިޔަވާފައިވެއެވެ. ބަލައިގެން ކިޔެވުމުގެ ބައިގައި ނުވަތަ ފޮތުން ކިޔެވުމުގައި ބައިގައި މިހާތަނަށް ކިޔަވާފައިވަނީ 127 ދަރިވަރުންނެވެ. ބާކީ ތިބި 46 ދަރިވަރުންގެ ކިޔެވުން މިރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ބާކީތިބި ދަރިވަރުންގެ ކިޔެވުން މިރޭގެ ނިޔަލަށް ނިމި، އުންމީދަކީ މިރޭ މުބާރާތް ނިންމަވާލެއްވުން ކަމަށެވެ.

މިއީ ސްކޫލްތަކަށް ޚާއްޞަ ކުރައްވައިގެން ބާއްވަވާ ފުރަތަމަ ޤުރުއާން މުބާރާތެވެ. މި މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި ބާއްވަވާ މުބާރާތެއް ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ. މުބާރާތުގައި ޢުމުރުފުރާތައް ގިންތިކުރައްވާފައި ނުވާއިރު މުބާރާތް ކުރިއަށްދަނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި އަދި ޙިފްޒުކޮށް ކިޔެވުމުގެ ބައި ހިމަނައިގެނެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮއްވެވުމަށް ހަމަޖެހިފައިވެއެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނަ ޙާޞިލްކުރާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ޚާއްޞަ އިނާމު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.