ސިއްހަތު

އިތުރު މީހުންނަށް މިއަދުން ފެށިގެން ވެކްސިން ދޭން ފަށައިފި


މިދުވަސްވަރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން އިތުރު މީހުންނަށް މިއަދުން ފެށިގެން ވެކްސިން ދިނުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މާބަނޑު މީހުންގެ އިތުރުން، އިތުރު ފަސް ކެޓަގަރީއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތަކާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދައި ފުރިހަމަކޮށްފައިވާ މީހުންނާއި، ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާކުރާ އުމުރުން 3 އަހަރުން މަތީގެ މީހުންނާއި، ޑައިލަސިސް ހަދަމުންދާ މީހުންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ ދަމަނަވެށިންނާއި، އޭޑީކޭ ހޮސްޕިޓަލުންނާއި، އަތޮޅު ތެރޭގައި ހޮސްޕިޓަލުންނާއި، ސިއްޙީ މަރުކަޒުތަކުން ކަމަށެވެ.

މީގެ އިތުރުން މި ވެކްސިން އެންމެ ފުރަތަމަ ދޭންފަށާފައިވާ މާބަނޑު މީހުންނަށް މިހާރުވެސް އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލުންނާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކުންވެސް ވެކްސިން ދެމުންދާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާއި ގުޅިގެން އެޑީކޭ ހޮސްޕިޓަލުން އިއްޔެއިން ފެށިގެން ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނާއި، ކެންސަރުބަލީގެ މީހުންނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޭޑީކޭއިން ބުނީ ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނާއި، ކެންސަރު ބަލީގެ މީހުން ވެކްސިން ޖަހަން އަންނަ އިރު ޑޮކްޓަރު ދީފައިވާ ލިޔުން ހިފައިގެން އައުމުން އެހޮސްޕިޓަލުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. ހުމާއި، ރޯގާއާ ގުޅިގެން އައިޖީއެމްޗުން މިހާތަނަށް 888 މާބަނޑު މީހަކަށް ވެކްސިން ދީފައިވެއެވެ.