ކުޅިވަރު

ކޯޗު މަޤާމުން ވަކިކުރުމުން މަރުގެ އިންޒާރު ލިބުނު- ވާޑީ


ކޯޗް ރަނިއޭރީ މަޤާމުން ދުރުކުރުމުން މަރުގެ އިންޒާރު ލިބުނު ކަމަށް ލެސްޓަރގެ ފޯވާޑް ޖެމީ ވާޑީ ބުނެފިއެވެ. 

ލެސްޓަރއަށް މިދިޔަ އަހަރު ޕްރިމިއަރ ލީގު ހޯދަދިން ކޯޗް ކްލައުޑިއޯ ރަނިއޭރީ މަޤާމުން ވަކިކުރުމާ ގުޅިގެން އެކްލަބްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބައެއް ސަޕޯޓަރުން މަގުމަތީ މުޒާހަރާ ކުރިއިރު ސީދާ ދަނޑަށްވަދެވެސް ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާ ލެސްޓަރއަށް ލީގު ހޯދަދިނުމުގައި މުހިންމު ދައުރެއް އަދާކުރި ވާޑީ ބުނީ ކޯޗް ވަކިކުރުމާއެކު އޭނާއަށާއި އޭނާގެ އަންހެނުންނަށްވެސް މަރުގެ އިންޒާރުގެ މެސެޖްތައް ލިބުނު ކަމަށެވެ.

" އާއިލާ އާއި އެކު މަގުމަތީގައި އުޅޭއިރު އެބަ މީހުން ދިމާކުރޭ. މަރުގެ އިންޒާރުދޭ. ކޯޗް ވަކިކުރމުގައި ވަކި ކުޅުންތެރިއަކު ބައިވެރިއެއް ނުވޭ. އެއީ ކްލަބްގެ ނިންމުމެއް" ވާޑީ ބުންޏެވެ.

 ލެސްޓަރގެ ބައެއް ސަޕޯޓަރުން ޤަބޫލް ކުރަނީ ކޯޗް ވަކިކުރުމުގައި ވާޑީވެސް ވަނީ ތާޢީދުކޮށްފަ. އަދި ކްލަބް ބޯޑު ބައްދަލްވުމެއްގައި ވާޑީ ބައިވެރިވިކަމަށް އަޑު ފެތުރިފައިވެއެވެ. މިކަމަށް ރައްދު ދެމުން ވާޑީ ބުނީ ކްލަބުން ނިންމާ ނިންމުން ތަކުގައި ކުޅުންތެރިން ބައިވެރި ނުވާނެ ކަމަށާއި ކޯޗް ވަކިކުރުމަކީ އެއްވެސް ކުޅުންތެރިއަކު އެކަމުގައި ބައިވެރިވި ކަމެއް ނޫން ކަމަށެވެ. އަދި ކުޅުންތެރިން މަސައްކަތް ކުރާނީ ކްލަބަށް ކާމިޔާބު ހޯދަދޭން ކަމަށާއި ކޮންމެ ކޯޗަކު ހުރި ނަމަވެސް ކުޅުންތެރިންގެ މަސައްކަތަށް ބަދަލު ނާންނާނެ ކަމަށް ވާޑީ ބުންޏެވެ.

ކްލައުޑިއޯ ރަނިއޭރީ މަޤާމުން ވަކިކުރީ މިސީޒަންގައި ލެސްޓަރ ނެރުނު ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ. ޙާއްސަކޮށް ކްލަބް ރެލިގޭޓް ވެދާނެ ކަމުގެ ބިރު މެނޭޖްމަންޓަށް އޮތުމުންނެވެ. ލެސްޓަރގެ މިހާރުގެ ކޯޗް ޝެކްސްޕެއާގެ އިރުޝާދުގެ ދަށުން ލެސްޓަރ ކުޅުނު މެޗްތައް ކާމިޔާބުކޮށްފައިވާއިރު އެކްލަބް ވަނީ ރެލިގޭޝަން ޒޯނާ 6 ޕޮއިންޓާ ދުރަށް ޖެހިލާފައެވެ.