ޚަބަރު

ރޯގާ ފެތުރިދާނެތީ އެމްއީސީސީ ހަފްތާއަކަށް ބަންދުކޮށްފި


ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗްރަލް ސެންޓަރު، އެމްއީސީސީ ގައި ހިންގަމުންދާ ކްލާސްތަކާއި އެކި ޙަރަކާތްތައް އެއް ހަފްތާގެ މުއްދަތައް ކެންސަލް ކުރައްވައިފިއެވެ.

އެސެންޓަރުން މިގޮތަށް ނިންމާފައިވަނީ، މިދުވަސްވަރު ރާއްޖޭގައި ހުމާއި ރޯގާ ފެތުރެމުންދާތީއާއި، ސްކޫލްތައް ބަންދު ދުވަސްވަރެއްކަމުން، ގިނަ ޢަދަދެއްގެ ދިވެހިން ސްރީލަންކާއަށް ދަތުރުކުރަމުންދާތީ، އެމްއީސީސީ ހުންނަ، ސޯސަން ވިލާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ޖަމާވާ ތަނަކަށްވުމާއެކު ހުމާއި ރޯގާ އަދި އެޗްވަން އެންވަން ވައިރަސް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުންކަމަށް އެސެންޓަރުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެޗްވަން އެންވަން ވައިރަހައަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައިވެއެވެ.