ދުނިޔެ

ޕާކިސްތާނު - އަފްޣާން ބޯޑަރު އަލުން ހުޅުވަން ނިންމަވައިފި


ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ ބޯޑަރު އަލުން ހުޅުވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ނިންމަވައިފިއެވެ.

ޕާކިސްތާނުން މިބޯޑަރު ބަންދުކޮށްފައިވަނީ އަމިއްލައަށް މަރުވެގެން ޕާކިސްތާނުގެ އެކި ހިސާބުތަކުގައި މިދިޔަމަހު ދިން ޙަމަލާތަކެއްގައި 130 އަށްވުރެ ގިނަ މީހުން މަރުވުމާއި ގުޅިގެން އެޅި ފިޔަވަޅުތަކެއްގެ ދަށުންނެވެ. ޕާކިސްތާނުން މިޙަމަލާތަކުގެ ތުހުމަތުކޮށްފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޕާކިސްތާނާ ދެކޮޅު ހަނގުރާމަވެރިންގެ މައްޗަށެވެ. ބޯޑަރު ބަންދުކުރުމާ ގުޅިގެން ޕާކިސްތާނުގައި ތިބި އަފްޣާންގެ އެތައް ހާސް ބަޔަކަށް އަނބުރާ ރަށަށް ނުދެވި ޕާކިސްތާނުގައި ތިބެންޖެހުނެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުގެ ހަނގުރާމަވެރިން ބޯޑަރު ބޭނުންކުރަމުންދާކަމަށެވެ. އަދި ބޯޑަރު އަލުން ހުޅުވުމަށް ނިންމެވީ އާއްމު ރައްޔިތުންނަށް ކުރިމަތިވާނެ ދަތިހާލުން ސަލާމަތްކުރުމަށް، ހެޔޮ ނިޔަތުގައިކަމަށް ޕާކިސްތާނުން ބުނެއެވެ. އަދި ބޯޑަރު ބަންދުކުރަން ދިމާވި ސަބަބުތަކާއި މެދު އަފްޣާންގެ ސަރުކާރުން ވިސްނަވާ، ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށް އުއްމީދުކުރާކަމަށްވެސް ޕާކިސްތާނުގެ ސަރުކާރުން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14900176530256.jpg|ޕާކިސްތާނާއި އަފްޣާނިސްތާނު ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ ބޯޑަރު / ބަންދުކުރުމަށްފަހު ބޯޑަރު އަލުން ހުޅުވުމަށް ވަނީ ނިންމަވާފައި

ޕާކިސްތާނާއި އަފްޣާނިސްތާނުން ދަނީ، ހަނގުރާމަވެރިންނަށް އެހީތެރިވާކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބަޔަކު ބޮލުގައި އަޅުވަމުންނެވެ.

ނަމަވެސް އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، ޕާކިސްތާނުން ބޯޑަރު ބަންދުކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަމަށާއި މިކަމުން ގެއްލުންވީ ހަމައެކަނި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށްކަމަށެވެ.

ޕާކިސްތާނާއި އަފްޣާނާއި ދެމެދު ދަތުރުކުރުމަށް ޢާއްމުކޮށް ބޭނުންކުރާ މިބޯޑަރު ދުވާލަކު 15000 އަފްޤާން މީހުން ބޭނުންކުރެއެވެ. އަދި މިއީ އާއްމުގޮތެއްގައި އަފްޣާނަށް މުދާ އެތެރެކުރުމަށްވެސް ބޭނުންކުރާ ބޯޑަރެވެ.