ތަރައްްޤީ

އިސްލާމީ މަރުކަޒުގެ ބޭރުގައި އަލުން މާބުލްޖެހުމަށްފަހު ހުޅުވައިފި


އިސްލާމީ މަރުކަޒު ސަރަހައްދުގައި އަލުން މާބުލްޖެހުމަށްފަހު ޢާއްމުންނަށް ހުޅުވާލައްވައިފިއެވެ. 

މިސަރަޙައްދުގައި އަލުން މާބުލް ޖެހީ ކުރިން ޖަހާފައިވާ މާބުލްތައް ހަލާކުވުމުގެ ސަބަބުންނެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ މިފަހަރު ޖަހާފައިވަނީ ފެންވަރު ރަނގަޅު މާބުލް ތަކެއްކަމަށެވެ.

މިނިސްޓްރީ އޮފް ހައުސިން އެނޑް އިންފުރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގެ ބޭރުގައި ފެންވަރު ރަނގަޅު މާބުލް ޖަހައި މިހާރު ނިންމަވާފައިވާކަމަށެވެ. އަދި މިފަހަރު މާބުލް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ އެމިނިސްޓްރީގެ މުވައްޒަފުންކަމަށްވެސް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.  

img:http://s1.psmnews.mv/images/660x400/14900113665661.jpg|އިސްލާމީ މަރުކަޒު ސަރަޙައްދުގައި އަލުން މާބުލް ޖަހާފައި / ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިނިސްޓަރ ވިދާޅުވީ، މިދިޔަ ރޯދަ މަހު އިސްލާމީ މަރުކަޒު ސަރަޙައްދުގައި މާބުލް ޖަހައި އެތަން ބޭނުންކުރަން ފެށި ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މާބުލްތަކުގައި ރެނދުލައި ތަޅައިގެން ދިއުމުން، ގިނަ ބައެއްގެ ފާޑުކިޔުން އެމިނިސްޓްރީ އަށް އަމާޒުވިކަމަށެވެ. އެހެންކަމުން މިފަހަރު ޖަހާފައިވަނީ ކުރިއަށްވުރެ ފެންވަރު ރަނގަޅު މާބުލްކަމަށާ، މިފަހަރު އެސަރަހައްދުގައި، އަވިން ހިޔާވާނެ ކުޑަތަކެއް ޖެހުމަށްވެސް ނިންމަވާފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިސްލާމީ މަރުކަޒު ސަރަޙައްދުގައި މާބުލް ޖެހުމަށް ޗައިނާ ސަރުކާރުން ވަނީ އެއް މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފައެވެ. މީގެއިތުރުން ދިވެހި ސަރުކާރުންވެސް ވަނީ މިކަމަށް ޚަރަދުކުރައްވާފައެވެ.

އިސްލާމީ މަރުކަޒު ކައިރިން ހަތަރުހާސް ދުއިސައްތަ އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި މާބުލް ޖަހާފައިވާއިރު މިހާރު އެސަރަޙައްދުގައި ނަމާދުކުރުމަށް އޮންނަ ޖާގަ ބޮޑުވެ އެއްފަހަރާ ފަންސަވީސް ހާސް މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހައުސިންގ މިނިސްޓްރީން ވަނީ ހަމަޖެހިފައެވެ.