ދުނިޔެ

ސޫދާނު ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި


ރާއްޖެއާއި ސޫދާނާ ދެޤައުމުން އިސްލާމީ ފިޤްޙުގެ ދާއިރާއިންނާއި މެދުމިނުގެ އިސްލާމީ ވިސްނުން ގެންގުޅުމުގެ ދާއިރާއިން އެއްބާރުލުންދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސޫދާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން ރެޒިޑެންޓް ސަފީރު، ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ބޭއްވެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

img:http://s3.psmnews.mv/images/660x400/14900095905505.jpg|ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން–ރެޒިޑެންޓް ސަފީރު ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން ރެޒިޑެންޓް ސަފީރު، ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސޫދާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް 35 އަހަރު ވެފައިވާކަން ފާހަގަކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14900095768176.jpg|ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން–ރެޒިޑެންޓް ސަފީރު ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ވިދާޅުވިއެވެ. މިގޮތުން އިސްލާމީ ފިޤްޙުގެ ދާއިރާއިންނާއި މެދުމިނުގެ އިސްލާމީ ވިސްނުން ގެންގުޅުމުގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން ދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދެޤައުމަށް ވެސް ފައިދާކުރަނިވި ގޮތަކަށް ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14900096126670.jpg|ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން–ރެޒިޑެންޓް ސަފީރު ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސޫދާނުގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ސޫދާނުގެ ރައީސް ފީލްޑް މަރޝަލް އުމަރު ޙަސަން ރައީސުލްޖުމްހޫރިއްޔާއަށް ތަޙުނިޔާ ވިދާޅުވާކަމަށް ބަޔާންކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ސޫދާނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

45.7 މިލިއަންގެ އާބާދީއެއް އޮންނަ ސޫދާނަކީ އުތުރު އެފްރިކާގެ މުސްލިމް ޤައުމެކެވެ.