ތަރައްްޤީ

ދެ ސްކޫލްގެ ޖާގަ އިތުރުކުރުމަށް އެމްއާރުޑީސީ އާ ޙަވާލުކޮށްފި


ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙާއި  ލ.މާވަށު ސްކޫލްގެ ޖާގަ އިތުރުކުރެއްވުމަށްޓަކައި ސަރުކާރުން ޢިމާރާތް ކުރައްވާ ކުލާރޫމްތައް އިމާރާތް ކުރެއްވުމަށްޓަކައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއާރުޑީސީ އާ ހަވާލުކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތެއްގައި ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ދިހަ ކުލާސްރޫމާއި އޭވީ ރޫމް އިމާރާތް ކުރެއްވުމަށް ވަނީ އެމް.އާރ.ޑީ.ސީއާ ހަވާލުކުރައްވާފައެވެ. އަދި ލ.މާވަށު ސްކޫލްފައި 5 ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތް ކުރެއްވުމަށް އެކުންފުންޏާ ވަނީ ހަވާލުކުރައްވާފައެވެ. މަދްރަސަތުލް އިފްތިތާޙް ގެ މަސައްކަތަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މާވަށު ސްކޫލްގެ ޕްރޮޖެކްޓްގެ މަސައްކަތަށް އަށް މިލިޔަނަށް ވުރެ ގިނަރުފިޔާ ޚަރަދުވާނެކަމަށްވެސް  އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެ މަޝްރުޢު އެމް.އާރު.ޑީ.ސީއާއި ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސިނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާޙިމް އިސްމާއިލް ޢަލީ ވިދާޅުވީ އެ ދެ ޕްރޮޖެކްޓަކީ ވެސް ސަރުކާރުން ޚަރަދުކުރައްވައިގެން ކުރިޔަށްގެންދަވާ ދެ ޕްރޮޖެކްޓްކަމަށެވެ. އަދި މިޢިމާރާތުގެ މަސައްކަތް ނިންމައި އަންނަ އަހަރު ބޭނުން ކުރަން ފެށޭވަރުވާނެކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

"އަޅުގނޑުމެންގެ ސަރުކާރުގެ ހަމަ ފުލް ޓާރގެޓަކީ ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތަކީވެސް ހަމަ އަޅުގަނޑުމެންފެ ރާއްޖޭގައި ސްކޫލްތަކަކީ ދަރިވަރުންނަށް އެންމެ އިސްކަންދީގެން ސްކޫލްތަކެއްގެ ގޮތުގައި ބެލުން އެގޮތުން ދަރިވަރުންނަށް ބޭނުންވާ ހުރުހާ މިކަހަލަ ފެސިލިޓީތަކެއް ސަރުކާރުން ދަނީ ސްކޫލްތަކުގައި ޤާއިމްކޮށްދެއްވަމުން" އިބްރާޙީމް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

އެމް.އާރ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވަނީ އެއްބަސްވެފައިވާ ގޮތުގެ މަތިން  ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙާއި  ލ.މާވަށު ސްކޫލްގެ ޖާގަ އިތުރުކުރެއްވުމަށްޓަކައި ސަރުކާރުން އިމާރާތް ކުރައްވާ ކުލާރޫމްތައް އިމާރާތް ކުރެއްވުމަށްޓަކައި ކޮންޓްރެކްޓްގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙީމް އިސްމާޢީލް އަލީއެވެ. އެމް.އަރ.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލްއެވެ.