ޚަބަރު

"މިނިވަން 50 ގެ ބައެއް ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހިވޭ"


މިނިވަން 50 ފާހަގަކުރުމަށް ހިންގި ބައެއް ޙަރަކާތްތަކަށް ޚަރަދު ކޮށްފައިވަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށްކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ. 

މިނިވަން ފަންސާހުގެ ހަރަކާތްތަކަށް ކުރި ޚަރަދުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަންތައްތަކެއް ހުރިކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން މިއަދުވަނީ  ހޯމް މިނިސްޓްރީއަށް ވަދެ ކަމާބެހޭ ލިޔެކިއުންތައް ގެންދަވާފައެވެ. 

މިނިވަން 50 ފާހަގަކުރުމަށް ކުރިއަށްގެންދެވި ޙަރަކާތްތައް ވިލަރެއް ކުރެއްވީ  ހޯމް މިނިސްޓްރީންނެވެ. މިކަމާގުޅިގެން މިއަދު މީޑިއާއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މިމައްސަލައިގައި އޭސީސީން ކުރިއަށްގެންދަވާ ތަޙްޤީޤަށް އެމިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. 

އަދި މިނިވަން ފަންސާހަށް ކުރި ޚަރަދުތަކުގައި މާލިއްޔަތު ޤަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިވަން ފަންސާހުގެ ބައެއް ހަރަކާތްތައް ހިންގުމަށް މާލިއްޔަތު ޤަވާއިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް ހޯމް މިނިސްޓްރީ ކުރިން ހިންގަވަން ހުންނެވި މިނިސްޓަރު، މިނިސްޓަރ ބޭނުންފުޅި ބަޔަކާ ހަވާލުކުރައްވާފައިވާކަމަށް އަޒްލީން އަހުމަދު ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން ޙަރަކާތްތަކަށް ބޭނުންވާ ބައެއް ތަކެތި ނުއަގުގައި ހޯއްދަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިވަން 50ގެ ހަރަކާތްތައް ހިންގެވިއިރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރެވެ. ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ދައުލަތުން ހިންގާ މިފަދަ ކަންކަމުގައި އަވަސް ނިންމެވުންތައް ނިންމަވަން ޖެހުނުނަމަވެސް އެކަންކަން ކުރައްވަންވާނީ މާލިއްޔަތު ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިންކަމަށް. ޤާނޫނާ ޚިލާފުވެގެން ފިޔަވަޅު އަޅާއިރު ވަކި މީހަކު އިސްތިސްނާ ނުކުރެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ ވިދާޅުވީ މިނިވަން 50ގައި ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ހިނގި ޚަރަދުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ނުވަތަ ނުވާކަން ކަށަވަރު ކުރެވޭނީ އޭސީސީގެ ތަޙްޤީޤް ނިންމެވުންކަމަށާއި، ކޮރަޕްޝަން ހިންގާފައިވާ މިންވަރު އެނގިގެންދާނީވެސް ތަޙްޤީޤަށްފަހުކަމަށެވެ. 

މިނިވަން 50ގެ ހަރަކާތްތައް ކުރިއަށްގެންދަވާފައިވަނީ އެކަމަށް ކަނޑައެޅުއްވި 150 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.