ޚަބަރު

ޤުރްއާން މުބާރާތުގައި 180 އަށްވުރެ ގިނަ ދަރިވަރުން ކިޔަވައިފި


ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުއްވާލައްވައިގެން ބާއްވަވާ ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިހާތަނަށް 180 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާފައިވާ ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މި މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި ބާއްވަވާ ފުރަތަމަ ޤުރުއާން މުބާރާތް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން އެ ދަރިވަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އިބްރާހިމް ރަޝީދު މުސާ ފާހަގަކުރެއްވިއެވެ. 

ތިން ބަޔަކަށް ބައްސަވާލައްވައިގެން ބާއްވަވާ މި މުބާރާތުގައި ޢުމުރުފުރާތައް ގިންތިކުރައްވާފައި ނުވާއިރު މި މުބާރާތުގައި ހިމެނެނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި އަދި ޙިފްޒުކޮށް ކިޔެވުމުގެ ބައެވެ. އެގޮތުން ފުރަތަމަ ކުރިއަށް ގެންދަވަނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.

300 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރާ މި މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ 3 ދަންފަޅިއަކަށް ބައްސަވާލައްވައިގެންނެވެ. އެއީ ހެނދުނު އަށަކުން ބާރަޔަށް، ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަގަޑި ތިރީހަށެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮއްވަވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނަ ޙާޞިލްކުރާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ޚާއްޞަ އިނާމު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.