ޚަބަރު

އިދިކޮޅު ފަރާތްތަކުން ދަނީ ފ.އަތޮޅު ބަދުނާމުކުރަމުން- މުބީން


ފ.އަތޮޅުގައި ކުރިއަށްގެންދަވާ އިޤްތިޞާދީ ބިޔަ މަޝްރޫޢަށް އަތޮޅުގެ ރައްޔިތުން ތާއީދުކުރާއިރު، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ފ.އަތޮޅު ރައްޔިތުން ބައިބައިކޮށް، ރައްޔިތުން ބަދުނާމުކުރުމަށްކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.  

ޕީ.އެސް.އެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ވިދާޅުވީ ފ.އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ މަޝްރޫޢަކީ، ފ. އަތޮޅަށް ފާގަތިކަން ލިބިގެންދާނެ ބިޔަ މަޝްރޫޢެއްކަމަށެވެ. ރާއްޖޭގެ ހުރިހާ ދިމާއަކުން މި ޕްރޮޖެކްޓް ގެންދަން ބޭނުންވާ ކަމަށާއި، ނަމަވެސް ފ.އަތޮޅު ރައްޔިތުން މާ ނަސީބުގަދަ ރައްޔިތުންތަކެއް ކަމަށް މުބީން ވިދާޅުވިއެވެ. ފ.އަތޮޅު މަޝްރޫޢާއެކު، ފ.އަތޮޅަކީ ވިޔަފާރީގެ މަރުކަޒަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވި ބަސްފުޅާ ގުޅޭގޮތުން މުބީން ވިދާޅުވީ، މަޝްރޫޢު ފަށައިފިނަމަ، އަތޮޅަށް އެތައް ފައިދާތަކެއް ލިބޭނެކަމަށާއި، ޢާންމު އިޖްތިމާޢީ ޒިންމާގެ ދަށުން، ރަށްތަކަށް ބޭނުންވާ ކަންކަން ފުރިހަމަވެ، ޢުމުރާނީގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.  

"ވިޔަފާރީގެ މައި މަރުކަޒަކަށް މިތަން ވެގެންދާއިރު، ހޮސްޕިޓަލް، ބޭންކްތައް، އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހުރި ޚިދުމަތްތައް މިތަނުން ލިބުމުން ރައްޔިތުންނަށް އެ ލިބެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަޒީފާގެ ފުރުޞަތު ލިބޭނެ، އެތައް ބައިވަރު ކަންކަން ލިބޭނެ. އަދި ސީ.އެސް.އާރު ޕްރޮގްރާމްތައް ހިންގައިގެން އަތޮޅު ކުރިއެރުވިދާނެ" މުބީން ވިދާޅުވިއެވެ. 

ފ.އަތޮޅަށް ތަރައްޤީ ގެނައުމަށް އަތޮޅު ރައްޔިތުންގެ މެޖޯރިޓީ އެބައޮތްކަމަށް މުބީން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވައި މުބީން ވިދާޅުވީ، ސިޔާސީ ގޮތުން އަތޮޅުގެ ރައްޔިތުން ބަދުނާމުކޮށް ދައްކަމުންދާ ވާހަކަތައް ހުއްޓާލަން ޖެހޭކަމަށެވެ.

"ފ.އަތޮޅު ރައްޔިތުން އަތޮޅު ކުރިއެރުވުމުގެ ފުރުޞަތު ދިނުން މުހިންމު. ރައްޔިތުންގެ މެޖޯރިޓީ އޮތީ އަތޮޅުގެ ތަރައްޤީއަށް. މީ ކުޑަކުޑަ އަތޮޅެއް، ސިޔާސީ ބޭނުމަށް ފ.އަތޮޅު ރައްޔިތުން ލަދު ގަންނުވަން ނޫޅުއްވާށޭ. ސިޔާސީ ބޭނުމަށް ފ.އަތޮޅު ރައްޔިތުން ބޭނުން ނުކުރާށޭ" މުބީން ވިދާޅުވިއެވެ.

ފ.އަތޮޅު ތަރައްޤީ ކުރުމަށް އަތޮޅުގެ ރައްޔިތުންނަށް ފުރުޞަތު އޮންނަންޖެހޭ ކަމަށް މުބީން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން މަޝްރޫޢު ހުއްޓިއްޖެނަމަ، އެންމެ ބޮޑު ދެރައެއް ލިބޭނީ ފ.އަތޮޅު ރައްޔިތުންނަށް ކަމަށް މުބީން ވިދާޅުވިއެވެ.