ސިޔާސީ

ފާރިސް މަސައްކަތްކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ދެކޮޅަށް


ދިއްގަރު ދާއިރާގެ މެމްބަރ އަޙްމަދު ފާރިސް މަޢުމޫން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދާއިރާގެ ރައްޔިތުންގެ އިޙްސާސްތަކާއި މުޅިން ދެކޮޅަށް ކަމަށް މުލަކުއަތޮޅު ދިއްގަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ފާރިސް މަޢުމޫން ސަރުކާރާ ދެކޮޅަށް ކުރައްވާ ކަންތައްތަކާއި މެދު ކަންބޮޑުވާކަން ހާމަކުރައްވާ ދިއްގަރު ކައުންސިލުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ފާރިސް މަޢުމޫން ހޮއްވެވީ އަދުގެ ސަރުކާރާ ދާއިރާގެ ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ފާރިސްއާ ޙަވާލުކުރެއްވީ ވަރަށް ބޮޑަށް އިތުބާރުކޮށް، ސަރުކާރުގެ ތެރެއިން ދާއިރާގެ ރައްޔިތުންގެ އުއްމީދު ހާޞިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކުގައި ކަމަށް ދިއްގަރު ކައުންސިލުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ދިއްގަރު ކައުންސިލުން ނެރުއްވި ބަޔާނުގައި ސަރުކާރާ ދެކޮޅަށް ފާރިސް މަޢުމޫން ކުރައްވަމުން ގެންދަވާ ކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައިވެއެވެ. އަދި ސަރުކާރާ ގުޅިވަޑައިގެން ދާއިރާގެ ރައްޔިތުންގެ ފިކުރާއި އިޙްސާސްތަކާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކޮށްދެއްވުމަށްވެސް އެކައުންސިލުން ނެރުއްވި ބަޔާނުގައިވެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް މަޢުމޫން ސަރުކާރާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުތައް ހުއްޓާލުމަށް ގޮވާލާ ދިއްގަރު ކައުންސިލުން ބަޔާނެއް ނެރުއްވިއިރު ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މަޢުމޫންކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ނައިބު ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަޙީމް ޢަބްދުﷲ ވަނީ މީގެކުރިން ވިދާޅުވެފައިވެއެވެ.