ސިއްހަތު

އިންފުލުއެންޒާ ވެކްސިން ޖެއްސެވުމުގެ މަސައްކަތް ފަށްޓަވައިފި


ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި ބަލިމީހުންނަށް ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އިންފުލުއެންޒާ ވެކްސިން ދެއްވުމުގެ މަސައްކަތް ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފަށްޓަވައިފިއެވެ.

މިހަރަކާތް ކުރިޔަށްގެންދަވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައެވެ. މި ޕްރޮގްރާމް މިއަދު ކުރިޔަށް ގެންދެވީ ހަވީރުނަމަވެސް މާދަމާ މި ޕްރޮގްރާމް މެންދުރުފަހު ދޭކުން ހަވީރު ހަޔަކަށް ކުރިޔަށް ގެންދެވުމަށް ވަނީ ހަމަޖައްސަވާފައެވެ. މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން، ރާއްޖެއިން ބޭރުންނާއި، ރާއްޖެއިން ބޭސް ބައްލަވައިގަނެ، އެތަކެތި އެކި ރަށްރަށަށް ފޮނުއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތައް މެދުވެރިކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ގެންދަވަނީ ކުރައްވަމުންނެވެ. 

img:http://s2.psmnews.mv/images/660x400/14899319993317.jpg|ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ބަލިމީހުންނަށް އިންފުލުއެންޒާ ވެކްސިން ޖެއްސުވުމުގެ މަސައްކަތް ކުރިއަށްދާ ސްކޫލްގައި

މި ބޭސްތަކުގެ ތެރޭގައި އިންފުލުއެންޒާއަށް ޚާއްޞަ ވެކްސިންވެސް އެކަމަށް ބޭނުންޖެހިފައިވާ ޚާއްޞަ ފަރާތްތަކަށް ދެއްވަމުންގެންދަވާކަމަށް މަޢުލޫމާތު ލިބެއެވެ. މި މަސައްކަތް ކުރައްވަމުން ގެންދަވަނީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އޮފީހުން، ސީދާ އެކަމަނާގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުން ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހޮސްޕިޓަލުން ބޭރުގައި، ބިލަބޮންގ ސްކޫލްގައި ވެކްސިން ދެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ، ހޮސްޕިޓަލްތައް ފަދަ ތަފާތު ބަލިބަލީގެ މީހުން ތިބޭ ހަލަބޮލި ތަނަކަށް މިފަދަ މީހުންނާއި ކުދިން ދާން ނުޖެހި، ރައްކާތެރި ވަކި މާޙައުލެއްގައި މިކަން ކުރެއްވުމަކީ އެމީހުންނާއި އެމީހުންގެ އެހީތެރިންނަށްވެސް ފަސޭހަ އަދި ރައްކާތެރި ގޮތަކަށް ވާނެތީއެވެ.