ސިއްހަތު

އައިޖީއެމްއެޗުން ބައެއް ސާޖަރީތައް ހެދުން މެދުކަނޑާލަނީ


އައިސީޔޫގައި އެޑްމިޓްކޮށްގެން ކުރަންޖެހޭ ސާރޖަރީތަކުގެ ތެރެއިން އިމަރޖެންސީ ނޫން ސަރޖަރީތައް މާދަމާއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުން ނިންމަވައިފިއެވެ.

އައިޖީއެމްއެޗްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިގޮތަށް ނިންމަވާފައިވަނީ މިދުވަސްވަރު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަމުންގެންދާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީކަމަށެވެ. މި ސާރޖަރީތައް މެދުކަނޑާލިނަމަވެސް، އިމަރޖެންސީ އަދި އައިސީޔޫގައި އެޑްމިޓްކުރަން ނުޖެހޭ ސާރޖަރީތައް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ޑޮކްޓަރަށް ދައްކަން ގިނަ ޢަދަދެއްގެ މީހުން މިދުވަސްވަރު ހޮސްޕިޓަލަށް ދާތީ އައިޖީއެމްއެޗުން ވަނީ މިކަމަށް ޚާއްސަ ފްލޫ ކްލިނިކެއް ތާޖުއްދީން ސްކޫލުގައި ޤާއިމްކޮށްފައެވެ. އަދި އެޑްމިޓްކުރަން ބޭނުންވާ ފަރާތްތަކަށް ޙާއްސަ ވޯރޑެއްވެސް ވަނީ ޤާއިމްކޮށްފައެވެ.  

މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާއި ގުޅިގެން ސަލާމަތާ ރައްކާތެރިކަމަށްޓަކައި ސަރުކާރުންވެސް ގެންދަވަނީ ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ރޯގާގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި ހިމެނޭ މާބަނޑު މީހުންނަށް ވެކްސިން ދިނުމުގެ ކަންތައްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެންދަވަނީ ކުރައްވަމުންނެވެ. މީގެ އިތުރުން މި ރޯގާ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސްކޫލްތަކާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތައް ވަގުތީ ގޮތުން ބަންދުކޮށްފައިވެއެވެ.

މި ރޯގާ އާއި ގުޅިގެން ޑޮކްޓަރައް ދަށްކަން ބޭނުންވާފަރާތްތަކަށް، ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވައި ދިނުމަށްޓަކައި، އައިޖީއެމްއެޗާއި އޭޑީކޭއިން ވަނީ ރޯގާއަށް ހާއްސަ ފްލޫކުލިނިކްތަކެއް ޤާއިމްކުރައްވާ ހިދުމަތް ދެއްވަން ފައްޓަވާފައެވެ.