ކުޅިވަރު

އަމާޒަކީ މޮޅަކާއިއެކު ފުޓްބޯޅަ ފޯރި އިތުރުކުރުން - ކޯޗް ސްޓެވާޓް


ކްލަބްތަކާއި ސަޕޯޓަރުން އަދި އެފްއޭއެމުން ފުޓްބޯޅަ ފޯރި އިތުރު ކުރަމުންދާ މި ދަނޑިވަޅުގައި ޤައުމީ ޓީމްގެ އަމާޒަކީވެސް މޮޅަކާއިއެކު ގައުމީ ރޫޚާއި ފޯރި އިތުރުކުރުންކަމަށް ޤައުމީ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ. 

ޓީމާއިއެކު ފަރިތަކުރުންތައް ފެށުމުގެ ކުރިން ކޯޗް ޑަރެން ސްޓެވާޓް ބުނީ ފަލަސްތީން މެޗަށް ތައްޔާރުވަނީ ދިވެހި ފުޓްބޯޅަ ރަނގަޅު މިސްރާބަކަށްދާ ދަނޑިވަޅެއްގައިކަމަށާއި، ފަލަސްތީންގެ މައްޗަށް ކުރި ހޯދައި ފެށުން ރަނގަޅުކުރަން ބޭނުންވާކަމަށެވެ. ޓީމަށް އިތުރުވި އާ ކުޅުންތެރިންނަކީ ސީޒަންގެ މިހާތަނަށް ކުޅުންތެރިން ދެއްކި ހުނަރަށް ބަލައި ނަގާފައިވާ ކުޅުންތެރިންކަމަށާއި، ޒުވާން ހުނަރު ޓީމަށް މުޙިންމުކަމަށެވެ.

"މިފަހަރު ސީޒަނަށް ޓީމްތައް ވަރަށް ރަނގަޅަށް ތައްޔާރުވި، ޓީސީ މުބާރާތެއް ކާމިޔާބުކޮށް އައީ، އޭއެފްސީކަޕްގައި ޓީމްތަކުގެ ނަތީޖާވެސް ރަނގަޅު، އެހެންވީމަ ޓީމްގެ ފޯމު ރަނގަޅުވާނެކަމަށް މިބަލަނީ. ޓީމްގެ ރޫޚާއި ފޯރި ގެނައުން މިހާރު ބޭނުންވަނީ، ކުޅުންތެރިންނާއިއެކު ތަމްރީންތައް ފަށަން ކެތްމަދުވެފައި މިހިރީ" އޮސްޓްރޭލިޔާއަށް އުފަން ކޯޗް ބުންޏެވެ.

ތަޖުރިބާހުރި ކުޅުންތެރިން ޓީމްގައި ނެތުމަކީ މައްސަލައެއް ނޫންކަމަށާއި، އިމްރާން ފަދަ ކީޕަރެއް ކުޅުން ހުއްޓާލިޔަސް އެވާހަކަދައްކައިގެން ވާނެ ފައިދާއެއް ނޯންނާނެކަމަށްވެސް ކޯޗު ބުންޏެވެ. ތިބި ކުޅުންތެރިންނާއިއެކު ކުރިއަށް އޮތް ކޮންމެ މެޗެއްގައި ތަފާތު ދައްކަން ބޭނުންވާކަމަށާއި، ޤައުމީ ޓީމްގެ އެންމެ ޚާއްސަކަމަކީ ޓީމްގެ ރޫޚުކަމަށްވެސް ސްޓެވާޓް ފާހަގަކުރިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ފެށި ޕްރެކްޓިސްގައި ސްކޮޑުގައި ހިމެނޭ 29 ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ގައުމީ ސްކޮޑުން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންކަމަށްވާ އީގަލްސްގެ ގޯލްކީޕަރ މުޙައްމަދު ޝަފީއު، އީގަލްސްގެ ރިހާމް އަބްދުލްޢަނީ، ގްރީން ސްޓްރީޓްސްގެ މިޑްފިލްޑަރ މުޙައްމަދު ނިޒާމް އަދި ޓީސީގެ ފޯވާޑް އިބްރާހިމް މަޙުދީ ފާހަގަކޮށްލެވެއެވެ. 

މީގެ އިތުރުން ޝެއިޚް ކަމާލް އިންޓަނޭޝަނަލް ގޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި މުޙައްމަދު އައްޒާމަށްވެސް މިފަހަރު ސްކޮޑުން ވަނީ ފުރުސަތު ލިބިފައެވެ. އަދި މީގެ ކުރިން ޤައުމީ ސްކޮޑުން ފުރުސަތު ހޯދާފައިވާ ދެ ކުޅުންތެރިންކަމަށްވާ ޓީސީގެ އިބްރާހިމް ވަހީދު ހަސަން އަދި ގްރީން ސްޓްރީޓްސްގެ މުޙައްމަދު ސައިފްވެސް ސްކޮޑުގައި ކޯޗް މިފަހަރުވަނީ ހިމަނާފައެވެ.

މިފަހަރުގެ ސްކޮޑުން ޖާގަ ނުލިބޭ ކުޅުންތެރިންނަށް ބަލާލާއިރު، އަނިޔާގައި ހުރި ކެޕްޓަން އަލީ އަޝްފާގް، އަހުމަދު ނާޝިދު އަދި އާއިލީކަމެއްގައި މި ސީޒަންގައި އަދި މެޗަކުން ފެނިފައިނުވާ އަހުމަދު ރިޒްވާން ފާހަގަކޮށްލެވެއެވެ.

މިމަހުގެ އަށާވީސްވަނަ ދުވަހު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން މެޗަށް 29 ކުޅުންތެރިންގެ ސްކޮޑުން ހަ ކުޅުންތެރިއަކު މަދުކުރާނެއެވެ.