މިއަހަރުގެ އަރތު އަވަރ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގައި ފާހަގަކުރަން ދިވެހި ރެޑް ކުރެސެންޓުން ނިންމައިފިއެވެ.
ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަ އާރތު އަވަރ ފާހަގަކުރަން ފަށާފައިވަނީ ދެހާސް ހަތްވަނަ އަހަރުއެވެ. އޮސްޓްރޭލިޔާގެ ސިޑްނީގައި ފެށި ކެމްޕެއިނުގެ ދަށުން، ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ފިޔަވާ އެހެން ހުރިހާ ދިއްލުންތަކެއް އެއްގަޑިއިރަށް ނިއްވާލަންޖެހެއެވެ. އަދި އާރތު އަވަރއާއި ގުޅުވައިގެން ތިމާވެއްޓަށް ފައިދާހުރި ކޮންމެވެސް ކަމެއް ކޮންމެ ދުވަހަކުވެސް ކުރުމަށް ބާރުއަޅައެވެ.
މިއަހަރުގެ އާރތު އަވަރ ފާހަގަކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ އަށްގަޑި ތިރީހުން ނުވަގަޑި ތިރީހަށެވެ. މީ މި ކެމްޕެއިން މުޅި ދުނިޔޭގައި ހިންގާތާ ދިހަވަނަ އަހަރެވެ. އަދި ރާއްޖޭގައި އާރތު އަވަރ ފާހަގަކުރާ އަށްވަނަ އަހަރެވެ.
އެގަޑީގައި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައްފިޔަވައި އެހެން ހުރިހާ ދިއްލުންތަކެއް ނިއްވާލުމަށް މި ހަރަކާތް އިންތިޒާމުކުރާ ރެޑްކުރެސެންޓުން އެދެއެވެ. މި އަހަރުގެ އާރތު އަވަރ އާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައިވެސް ތަފާތު ހަރަކާތްތައް ހިންގެވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ރެޑްކުރެސެންޓުން ބުނެއެވެ. އަދި މީޑިއާގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިހަރަކާތާމެދު ދުރާލައި އާންމުން ހޭލުންތެރިކޮށް މުޅި ރާއްޖެ ޝާމިލްވާގޮތަށް މި ކެމްޕެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ދިވެހި ރެޑްކުރެސެންޓުން ބުނެއެވެ.