ޚަބަރު

ރޯގާއާއި ގުޅިގެން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދު!


ރާއްޖޭގައި މިދުވަސްވަރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރައްވައިފިއެވެ. 

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މިއަދު ނެރުއްވި ބަޔާނެއްގައިވަނީ އާއްމުކޮށް ހުޅުވާލާފައި ހުންނަ އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރެއްވީ އެތަނަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ތަނަކަށްވެފައި، އިންފުލުއެންޒާ ރޯގާއާއި ގުޅިގެން މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނުވާތީކަމަށެވެ. 

އެގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަވަންދެން އުތީމު ގަނޑުވަރަށް އާއްމުންނަށް ޒިޔާރަތް ނުކުރެވޭ ގޮތައް ބަންދުކުރައްވާފައިވާކަމަށް އެޑިޕާޓްމެންޓުން ވިދާޅުވެއެވެ. 

އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދު ކުރެއްވި ނަމަވެސް، ޤައުމީ ދާރުލް އާސާރު އާއްމުންނަށް އަދިވެސް ހުޅުވާލައްވާފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.