ޚަބަރު

ހުޅުމާލެ 2ވަނަ ފިޔަވަހީގައި ހައުސިންގޔުނިޓް އެޅުމަށް ހުޅުވާލައިފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިންގ ޔުނިޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި ފުރުސަތުގެ ދަށުން ކޮންމެ ކޮންޓްރެކްޓަރަކަށްވެސް މަދުވެގެން 1000 ހައުސިން ޔުނިޓް ޑިޒައިންކޮށް ތަރައްޤީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

މި މަޝްރޫޢު ކުރިއަށް ގެންދަނީ، ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް އޭރިއާގެ ބިމުގެ ޖާގައަށް ބެލުމަށްފަހު، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދޭ ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ. 

މިއީ، ޑިވެލޮޕަރ ފައިނޭންސް އުސޫލުން ތަރައްޤީ ކުރުމަށް ނިންމާފައިވާ ޔުނިޓް ތަކެކެވެ. މި ޕްރޮޖެކްޓަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮޖެކްޓަށް ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި، ސަތޭކަ ހާސް ޑޮލަރު ހުށަހަޅަންޖެހެއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގގެ ގޮތުގައި ގާތްގަނޑަކަށް 17 ހާސް ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކުން ދަނީ މޮބިލައިޒްކޮށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. 

ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ތެރޭގައި މި ހައުސިންގ ޔުނިޓް ތަކުގެ މަސައްކަތް ނިންމުމެވެ.