ޚަބަރު

ސްރީލަންކާއަށްދާ ދިވެހިން އެޗްވަންއެންވަންއަށް ސްކްރީން ކުރަނީ


ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން އެޤައުމުގެ މައި އެއަޕޯޓުގައި އެޗްވަންއެންވަންއަށް ސްކްރީން ކުރަން ފަށައިފިއެވެ. 

މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން އެޅި މިފިޔަވަޅުގެ ދަށުން، ބަންޑާރަނާޔަކެ އިންޓަނޭޝަނަލް އެއަޕޯޓްގައި މިދިޔަ ހަފްތާގައި އެކަނިވެސް 300 ދިވެހިން ސްކްރީންކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 105 މީހެއްގެ ގައިން އިންފްލުއެންޒާގެ އަލާމާތްތައް ފެންނަން ހުރި ކަމަށް އެއާޕޯޓުގެ ކަމާބެހޭ އިސް އޮފިޝަލުންނާއި ޙަވާލާދީ ސްރީލަންކާގެ ދުވަހު ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. 

ބައިނަލް އަޤްވާމީ ދަތުރުފަތުރުތަކާއި ބެހޭ މައި އިދާރާއާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އުޞޫލްތަކުގެ މައްޗަށް ބިނާކޮށް، އެއަރޕޯޓްތަކުގައި މިފަދަ ސްކްރީނިންގ ކުރުމަކީ، މުޅި ދުނިޔޭގައިވެސް ޕްރެކްޓިސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެއްވެސް ބަލިމަޑުކަމެއް ނުވަތަ ރޯގާއެއް ފެތުރިފައިވާ ޤައުމެއްގެ ފަސިންޖަރަކު އެހެން ޤައުމަކަށް އެތެރެވާއިރު،އޭނާއާއި ބެހޭ މައުލޫމާތު ރެކޯޑް ކުރުމަކީ އެއަޕޯޓްތަކުގައި އުޞޫލީ ގޮތުން ކުރަމުން އަންނަކަމެކެވެ. 

ސްރީލަންކާގެ އެއަޕޯޓްގައި ، ދިވެހިން ސްކްރީން ކުރަން ފަށާފައިވަނީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. 

ސްރީލަންކާގެ ޤައުމީ އެއަލައިނުންވެސް ވަނީ ، މިކަމާއި ގުޅިގެން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ރާއްޖެއާއި ސްރީލަންކާއާއި ދޭތެރޭ ދަތުރުކުރާ ފްލައިޓްތަކުގެ ފަޅުވެރިން، ދަތުރުމަތީގައި މާސްކްއެޅުމާއި، އަދި ފަސިންޖަރަކު އެދިއްޖެ ހިދެއްގައި މާސްކް ދިނުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. 

ސްރީލަންކަ އެއަޕޯޓުގައި ދިވެހިން އިންފްލުއެންޒާއަށް ސްކްރީންކުރަމުންދާއިރު، އެޤައުމުގެ ބައެއް އަވަށްތަކުގައިވެސް އިންފްލުއެންޒާ ދަނީ ފެތުރެމުންނެވެ. އަދި މިދިޔަ ހަފްތާގައި އުމުރުން 16 އަހަރުގެ ކުއްޖަކު ވަނީ އެޗްވަންއެންވަން ޖެހިގެން މަރުވެފައެވެ.