ޚަބަރު

ފްލޫއަށް ޓެސްޓްކުރާ ސާމްޕަލް، ހުރިހާ ހިސާބަކުން ނެގޭނެ - އެޗްޕީއޭ


ފްލޫއަށް ޓެސްޓްކުރުމަށް ބޭނުންވާ ސާމްޕަލްތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ނެގޭނެގޮތް ހައްދަވައިފިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. 

އެޗްޕީއޭއިން ވިދާޅުވީ އިއްޔެއިން ފެށިގެން އަތޮޅުތަކުން އެޗްވަންއެންވަންއަށް ޝައްކުކުރެވޭ މީހުން ޓެސްޓްކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ބޭނުންވާ ސާމާނު ހަމަޖެހިފައިވާކަމަށެވެ. އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޓެސްޓް ކުރެވެނީ، އެ އިންފުލުއެންޒާގެ ޢަލާމާތްތައް ފެންނަ މީހުންއެކަންޏެވެ. މި އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި، ތިންދުވަހަށްވުރެ ގިނަދުވަހު ހުން ހުރުމާއި ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިޓެސްޓް ހެދުމަށް ގާތްގަޑަކަށް ބާރަގަޑިއިރު ހޭދަވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. 

ހުމުގެ ރޯގާއާ ގުޅިގެން އަތޮޅުތެރެއިން ޓެސްޓް ހެދެން ނެތްކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައްކަމުން ގެންދާ ވާހަކަތަކަށް އަލިއަޅުއްވާލައްވައި، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނިޝާން އަހްމަދު ވިދާޅުވީ، އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުކުރެވޭ މީހުންގެ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމައް ބޭނުންވާ ސާމާނު ހުރިހާ ހިސާބެއްގައި މިހާރު ލިބެން ހުންނާނެކަމަށެވެ. 

އެޗްވަންއެންވަންގެ ޓާސްކް ފޯސްގެ ފަރާތުން ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އިންފުލުއެންޒާ އެޗްވަންއެންވަން އެންމެ ފުރަތަމަ 2009 ވަނަ އަހަރު ފެނިގެން އައިއިރު ފެނުނުހާ ނުރައްކާ ނޫންކަމަށާއި، އިންސާނުންގެ ތެރޭގައި މިހާރު ފެންނަ ވައިރަސްއަކީ އެއައްވުރެ ބާރުދެރަ ވައިރަސްއެއްކަމަށެވެ. 

އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޖެނުއަރީ އެކަކުން ފެށިގެން މިހާތަނަށް ތިންސަތޭކައަށްވުރެ ގިނަ މީހުން ޓެސްޓް ކޮށްފައިވާއިރު، މީގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވަނީ 108 މީހުން ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.