ޚަބަރު

އެޗްވަންއެންވަން: މިހާތަނަށް 108 މީހަކު ޕޮޒިޓިވް


މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާއި ގުޅިގެން ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ހެދި ޓެސްޓްތަކުން 108 މީހަކު މި ރޯގާއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ. 

މިއީ މިހާތަނަށް ޓެސްޓްކުރި 343 މީހުންގެ ތެރެއިން މި ބައްޔައް ޕްޒިޓިވް މީހުންނެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުއްވި ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ ސޯޅަވަނަ ދުވަހު ރޯގާޖެހިގެން ދެހާސް ތިންސަތޭކަ ހަތަރު މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

މީގެތެރެއިން ސާޅީސް ނުވަ މީހަކު އިތުރަށް އޮބްޒަރވް ކުރުމަށް އެޑްމިޓްކޮށްގެން ގެންދަނީ ބަލަމުންނެވެ. މާލެ ސަރަހައްދުން ރޯގާ ޖެހިގެން  އިއްޔެ އެންމެ ގިނައަދަދަކަށް މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމްއެޗަށެވެ. އެއީ ފަސްސަތޭކަ ނުވަދިހަ ހަތް މީހުންނެވެ. އޭޑީކޭއަށް ތިންސަތޭކަ ތިރީސް ދެ މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލަށް ސަތޭކަ ތިރީސް އަށް މީހުން، ވިލިމާލެ ހޮސްޕިޓަލަށް 54 މީހުން، އަދި ސެނަހިޔާއަށް 32 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. 

ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުވެގެން ފަނަރަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތަކަށް ބަލާއިރު، އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން ނުވަތަ ރޯގާއާއި ގުޅިގެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ލ.އަތޮޅުންނެވެ.

އެ އަތޮޅުން 167 މީހުން ފަރުވާ ހޯދާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ  ރ.އަތޮޅުން 150 މީހުން ޑޮކްޓަރަށް ދައްކާފާއިވެއެވެ. ދެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ހދ.އަތޮޅުންނެވެ. މި އަތޮޅުން ސަތޭކަ އޮނަތިރީސް މީހުން ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާފައިވެއެވެ.

އަތޮޅުތަކުން ރޯގާއާއި ގުޅިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން އެންމެ ގިނަ މީހުންނަށް ފަރުވާދީފައިވަނީ ރ.އަތޮޅުންނެވެ. ރ.އަތޮޅުން 11 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުކުރެވިގެން މިހާތަނަށް ތިންސަތޭކަ ސާޅީސް ތިން މީހަކު ޓެސްޓް ކޮށްފައިވާއިރު، މީގެތެރެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 108 މީހުން ކަމަށް އެޗްޕީއޭއިން އެންމެ ފަހުން ޢާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. 

ހުމުގެ ރޯގާގެ ސަބަބުން އެޗްވަންއެންވަން އަށް ޕޮސިޓިވް ވެގެން ދެމީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. 

މިވައިރަސްއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވެއެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.