ޚަބަރު

ސަޢޫދީ ރަސްގެފާނުގެ ދަތުރުފުޅު ރޯގާއާ ގުޅިގެން ފަސްކުރައްވައިފި


ސަޢޫދީ ރަސްގެފާނު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފިއެވެ.

ސަޢޫދީ ރަސްގެފާނުގެ ދަތުރުފުޅާގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފޮރިން މިނިސްޓަރ ޑރ.އާސިމް ވިދާޅުވީ، ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއާއި ގުޅިގެންކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި އެ ތާޜީޚް ފަހުން އިޢުލާން ކުރައްވާނެކަމަށެވެ. ސަޢޫދީ ރަސްގެފާނު ރާއްޖެވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މާދަމާއެވެ.

ސަޢޫދީ ރަސްގެފާނު ކުރިން ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިއޮތީ އެމަނިކުފާނު އޭޝިއާގެ ފަސް ޤައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރަސްގެފާނު އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ބޮޑެތި އިންވެސްތްމަންޓްތަކެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައިވެސް ރާއްޖެއާއެކު ބޮޑެތި އިންވެސްޓްމަންޓްތަކެއްގައި ސޮއިކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ.