ކުޅިވަރު

ކުޅިވަރުގެ މަޝްރޫޢުތަކަށް އައްޑޫ ސިޓީން 36 ބިމެއް ޔޫތަށް


ކުޅިވަރުގެ މަޝްރޫއުތައް ހިންގެވުމަށް އައްޑޫ ސިޓީން 36 ބިމެއް ޔޫތްމިނިސްޓްރީއަށް ލިބިފައިވާކަމަށާއި، އެތަންތަނުގައި ގިނަ މަޝްރޫޢުތަކެއް މިއަހަރު ހިންގަވާނެކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެކަމަނާ މިހާރު އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގައި  އެސީޓީގެ ޒުވާނުންނާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އައްޑޫސިޓީއަށް ވަޑައިގަތުމުން މި ސިޓީގެ ޒުވާނުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި، އައްޑޫސިޓީގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުމީދޫގެ ޒުވާނުންނާއި ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ. އަދި މިނިސްޓްރީން މިއަހަރު އައްޑޫސިޓީގައި ހިންގަވާނެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ޤައިމްކޮށްދެއްވާނެ ކުޅިވަރުގެ އެހެނިހެން ވަޞީލަތްތަކުގެ ތަފްޞީލް ދެއްވާފައިވެއެވެ. މިދަތުރުފުޅުގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ޔޫތް މިނިސްޓްރީއަށް އައްޑޫސިޓީން ލިބިފައިވާ 36 ބިމުގައި ހިންގަވާ މަޝްރޫޢުތަކުގެ ތެރޭގައި، ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމާއި، ފުޓްސެލް ދަނޑާއި، ބަށި، ނެޓްބޯޅަ، ވޮލީ ކޯޓުތަކާއި، އެނޫންވެސް ގިނަ އިންފްރަސްޓްރަކްޗަރގެ ވަސީލަތްތައް ތަރައްޤީކުރެއްވުން މަޝްރޫއުތައް ހިމެނޭކަމަށެވެ. މީގެއިތުރުން ޒުވާނުންނަށް އަމާޒުކޮށް ގިނަ ތަމްރީންތަކެއް ބާއްވަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންނަށް ކަންކަން ފަހިކޮށްދެއްވުމުގައި އެންމެ އިސްކަމެއް ދެއްވާނީ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރެއިން އާމްދަނީ އިތުރުކުރެވޭނެ ގޮތާއި، ޒުވާނުން ބާރުވެރިކޮށްގެން ހަރަކާތްތަކެއް ހިންގޭނެ ގޮތްތަކަށްކަމަށެވެ.

އައްޑޫ ސިޓީގެ ޒުވާނުންގެ ފަރާތުން މިނިސްޓަރަށް ގިނަ ހުށައެޅުންތަކެއް ހުށއަޅާފައިވާއިރު، ސަރުކާރުގެ ކުޅިވަރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފުރިހަމަވާކަން ޒުވާނުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ކުޅިވަރުގެ ކާމިޔާބު ގިނަ މަޝްރޫޢުތަކެއް ހިންގަވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި އަހަރުގެ އަމާޒަކީވެސް އަށްޑިހަ އިންސައްތަ އަށްވުރެ ގިނަ މަޝްރޫޢުތައް ތަންފީޒްކުރެއްވުންކަމަށެވެ.