ޚަބަރު

ގޮފިތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމާގުޅޭ އައު ޤަވާއިދެއް


ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން ޢައްޔަނުކުރައްވާނީ، ބަދަލުވާ އުސޫލުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ކޯޓްތަކާބެހޭ ޤާނޫނަށް 2014 ވަނަ އަހަރު ގެންނެވި އިސްލާޙާއި ގުޅިގެން ޤާއިމުކުރައްވާފައިވާ ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަނުކުރައްވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން އިއްޔެ ނެރުއްވި ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަނުކުރެއްވުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ހައިކޯޓްގެ ގޮތްޕަކަށް އައްޔަނުކުރާ ފަނޑިޔާރަކީ ހައިކޯޓްގައި ކުރިންސުރެ މަސައްކަތް ކުރަމުންދާ ފަނޑިޔާރެއްނަމަ، ވަކި މުއްދަތަކަށްފަހު އެފަނޑިޔާރަކު ކުރިން މަސައްކަތްކުރަމުންއައި ގޮތްޕަށް ބަދަލުކުރެވިދާނެއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކު ހައިކޯޓްގެ ގޮތްޕަކަށް ޢައްޔަނުކުރާތާ 1 އަހަރު ހަމަވުމުން އެފަނޑިޔާރަކު ބޭނުންވުމުން މާލޭގައި ހުންނަ ހައިކޯޓަށް ނުވަތަ ހައިކޯޓްގެ އެހެން ގޮތްޕަކަށް ބަދަލުކުރެވިދާނެކަމަށް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓްގެ ފަނޑިޔާރުންގެ ޖުމްލަ ޢަދަދަކީ 9 ކަމަށް ކޯޓްތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންމަވެސް ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިޢުފާދެއްވުމާއި، އެއް ފަނޑިޔާރަކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހައިކޯޓްގައި މިވަގުތު ތިއްބެވީ 7 ފަނޑިޔާރުންނެވެ. އަލަށް އެކުލަވާލެއްވި ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ހައިކޯޓަށް އަލަށް އައްޔަނުކުރައްވާ ފަނޑިޔާރުން ފުރަތަމަ ޢައްޔަންކުރައްވާނީ ހައިކޯޓްގެ ގޮފިތަކުގެ ތެރެއިން ގޮތްޕަކަށެވެ.

ސުޕްރީމް ކޯޓުން ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަނު ކުރުމާބެހޭ ޤަވާއިދު ޢާންމުކޮށްފައިވާއިރު ހައިކޯޓްގެ ދެކުނު ގޮތްޕަށް ފަނޑިޔާރުން އައްޔަނުކުރައްވައި ޝަރީޢަތްތައްކުރިއަށްގެންދަވައެވެ. އަދި އުތުރު ގޮފީގައި ޝަރީޢަތްތައް ފެއްޓެވުމަށް ހުރިހާކަމެއް ހަމަޖެހިފައިވީނަމަވެސް މިހާތަނަށް އެގޮތްޕަށް ފަނޑިޔާރުން އައްޔަނުކުރައްވާފައެއްނުވެއެވެ.