ކުޅިވަރު

ޗެލްސީ، ބަޔާން މިއުނިކް އަދި އިންޓަރމިލާން ސިންގަޕޫރަށް


ކުރިއަށް އޮތް ހަތަރު އަހަރު އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕް ބޭއްވުމަށް ސިންގަޕޫރަށް ފުރުސަތު ލިބިފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރާނީ ޕްރިމިއަރ ލީގުގެ އެއްވަނައިގައިވާ ޗެލްސީއާ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަދި އިޓަލީގެ އިންޓަރ މިލާނެވެ. މިއީ ސައުތު އީސްޓް އޭޝިއާ ޤައުމެއްގައި މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

 އައު ސީޒަނަށް ތައްޔާރުވުމަށް ދުނިޔޭގެ ބޮޑެތި ކްލަބްތައް އެހެން ޤައުމުތަކުގައި ކުދި މުބާރާތްތައް ކުރިއަށްގެންދާއިރު ސިންގަޕޫރުން މިކަމަށް ކުރިމަތިލީ އެޤައުމުގ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކަމަށެވެ. ސިންގަޕޯ ޓޫރިޒަމް ބޯޑުގެ ޗެއާމަން ވިދާޅުވީ މިފުރުސަތަކީ އޭޝިއާގެ ފުޓްބޯޅައަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، މިއީ ޔޫރަޕްގެ ކްލަބްތަކަށް ސަޕޯޓްކުރާ ފަރާތްތަކަށް އަންނާނެ ބޮޑު ޢީދަކަށް ވާނެ ކަމަށެވެ.

ޗެލްސީގެ ކޯޗް ކޮންޓޭ ބުނީ ސިންގަޕޫރަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޗެލްސީއަށް ލިބޭ ރަނުގެ ފުރސަތެއް ކަމަށާއި ޚާއްސަކޮށް ޗެލްސީގެ އެތައް މިލިއަން ސަޕޯޓަރުންނެއް އޭޝިއާގައި ތިބުމަކީ ޗެލްސީއިން ސިންގަޕޫރަށް ދާން ބޭނުންވާ އެއް ސަބަބު ކަމަށެވެ.

 ޖުލައި 25ވަނަ ދުވަހު އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕް ސިންގަޕޫރުގައި ފަށާއިރު މިމެޗްތަކުގެ ޓިކެޓް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެއެވެ.



މުބާރާތުގެ ޝެޑިއުލް

25 ޖުލައި :  ޗެލްސީ - ބަޔާން މިއުނިކް

27 ޖުލައި : ބަޔާން މިއުނިކް - އިންޓަރމިލާން

29 ޖުލައި : ޗެލްސީ - އިންޓަރމިލާން