ކުޅިވަރު

ނިޒާމްގެ ޗެލެންޖް އުސް އަލިގަދަ ތަށްޓެއް ރާއްޖޭގައި ބެހެއްޓުން


ޓީސީއިން ހޯދި ކާމިޔާބީއަކީ މުޅި ދިވެހި ފުޓްބޯޅައަށއް ދިން ޗެލެންޖެއް ކަމަށާއި، ރާއްޖެއަށް މިއަށްވުރެ އަލިގަދަ ތައްޓެއް ހޯދޭނެ ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތް ޓީސީ ސްޕޯޓްސް ކްލަބް ކާމިޔާބުކުރުމާ ގުޅިގެން ބެއްވި ރަސްމީ ހަފްލާގައި ވާހަކަ ދައްކަމުން ކޯޗް ނިޒާމް ބުނީ ޓީސީގެ ތައްޓަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު އުއްމީދެއް ކަމަށާއި، ރާއްޖެއަށް ރަން މެޑެލް ހޯދޭނީ ހަމައެކަނި ސަރަހައްދީ މުބާރާތްތަކުން އެކަނި ނޫން ކަމަށެވެ. ޓީސީއިން ހޯދި ރަން މެޑެލްއާއެކު ރާއްޖެއަށް މިއަށްވުރެ ބޮޑެތި މުބާރާތްތައް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ލިބިއްޖެ ކަމަށް ނިޒާމް ބުންޏެވެ.

" މިއީ އެހެން ކްލަބްތަކަށް ޗެލެންޖެއް. އަޅުގަނޑުގެ ޗެލެންޖަކީ ދިވެހި ފަސްގަނޑުގައި މިއަށްވުރެ އަލިގަދަ އުސްތަށްޓެއް ބަހައްޓާލުން" ނިޒާމް ބުންޏެވެ. 

 ޓީސީ ސްޕޯޓްސް ކްލްބަށް ކާމިޔާބު ހޯދުނީ ރައީސް ޔާމީން ޒުވާނުންނަށް ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށާއި، ރަން މެޑެލްއަކާ ހިސާބަށް ދިއުމަށް މަސައްކަތް ކުރީ ރައީސް ކުރެއްވި ޗެލެންޖަކުން ކަން ނިޒާމް ފާހަގަކުރިއެވެ.

"ލީގުގެ ދެވަނަ ޓީސީއިން ހޯދުމުން ރައީސް ވިދާޅުވި ޓީސީވެސް ކާމިޔާބެއް ހޯދާނަމަ އެއްވަނަ ހޯދާށޭ، ބޭރުގެ މުބާރާތެއް ނަމަ ދަށް ވެގެން ދެވަނަ ހޯދާށޭ. އެ ޗެލެންޖް ނަގައިގެން އަޅުގަނޑުމެން މިއަދު މިއައީ ރަންވަނަ ހޯދައިގެން." ޓީސީގެ ކޯޗް ނިޒާމް ބުންޏެވެ. 

ނިޒާމް ބުނީ ގިނަ އުއްމީދުތަކެއް މިއަދު އާވެއްޖެ ކަމަށާއި، ރާއްޖެއަށް ރަން މެޑެލް ހޯދުމަށް މިއަދު އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ. ޓީސީއަށް ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސަތްކަތުން ކަމަށާއި، ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތް ޓީސީއަށް ކާމިޔާބުކުރެވުނީ ވަރަށްގިނަ ގޮންޖެހުންތަކާއެކު ކަން ނިޒާމް ފާހަގަކުރިއެވެ. ގޮންޖެހުންތަކާއެކު ކާމިޔާބީއަށް ވާސިލްވެވުނީ ރައީސް ޔާމީން ދިވެހި ކުޅިވަރަށް ދެއްވި ސަމާލުކަމެއްގެ ބޮޑުކަމުންކަން ނިޒާމް ފާހަގަކުރިއެވެ.