ސިއްހަތު

ފްލޫއާ ގުޅޭ ކަންކަން ސަރުކާރުން ވަރަށް ގާތުން ދަނީ ބައްލަވަމުން


މިދުވަސްވަރު ފެތުރެމުންދާ ހުމުގެ ރޯގާއާއި ގުޅިގެން ފަންނީ މާހިރުން ދެއްވާ ލަފަޔާ އިރުޝާދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށް ހެލެތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މި ރޯގާއާއި ގުޅޭ އެންމެހައި ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވައި މޮނިޓަރ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިއު.އެޗް.އޯ އާއި ކުރައްވަން ޖެހޭ މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ނާޡިމް ވިދާޅުވީ މިހާރު ފެރުރެމުންދާ ރޯގާ އެޗްވަން އެންވަންއަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ތަކެތި ރާއްޖެއިން ލިބެން އެބަހުރި ކަމަށާއި އިތުރަށް ހޯދަންޖެހޭ ތަކެތި ގެނައުމަށް ބޭނުންވާ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.

"ރައްޔިތުން، ސަރުކާރުން މި އަންގަވާގޮތަށް އަދި ޚާއްސަކޮށް މެޑިކަލް ބޭފުޅުން ދެއްވާ ލަފަޔާއި އެއްގޮތަށް އަމަލްކުރަމުން ގެންދެވުމަށް އެދެން." މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ނާޡިމް އިބްރާހީމް ވިދާޅުވީ މިދުވަސްވަރު ފެތުރޭ ރޯގާއިން ރައްކާތެރިވުމަށް ހެލްތް މިނިސްޓްރީއާއި، އައިޖީއެމްއެޗާއި ރާއްޖޭގެ އެހެނިހެން ސިއްޙީ ތަންތަން ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.