ޚަބަރު

އެޗްވަންއެންވަން އައްޑޫސިޓީން މިހާތަނަށް ފެނިފައެއްނުވޭ


ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ އެޗްވަންއެންވަންގެ އެއްވެސް ކޭސްއެއް އައްޑޫސިޓީން މިހާތަނަށް ފެނިފައި ނުވާކަމަށާއި، ނަމަވެސް ހޮސްޕިޓަލް އޮތީ އެފަދަ ހާލަތަކަށް ފުރިހަމައަށް ތައްޔަރަށްކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. 

ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތަކަށް ސާމްޕަލް ނެގުންފަދަ ކަންކަން ކުރުމަށް ޚާއްޞަ ފްލޫ ކުލިނިކެއްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ވަނީ ޤާއިމްކުރައްވާފައެވެ. 

މާލެ ފިޔަވައި ރާއްޖޭގެ އަބާދީ އެންމެ ބޮޑު ސަރަޙައްދަކީ އައްޑޫސިޓީއެވެ. މިސިޓީއަކީ ދަތުރުފަތުރުގެ ނިޒާމުތަކުން ރާއްޖެގެ އެކި ސަރަޙައްދުތަކާއި، ރާއްޖެއިން ބޭރާވެސް ގުޅިފައިވާ ސަރަޙައްދެކެވެ. އެހެންކަމުން މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އައްޑޫ ސިޓީއަސް ފެތުރިދާނެކަމުގެ ބިރު އޮތްކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. 

މިހާރު ފެތުރެމުންދާ ވައިރަލް ހުމާއި ރޯގާއާއި ގުޅޭގޮތުން މަޢޫލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ހަބީބު ވިދާޅުވީ، މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ކޭސްއެއް މިހާތަނަށް އައްޑޫސިޓީން ފެނިފައިނުވާކަމަށެވެ. ނަމަވެސް އެފަދަ ޙާލަތެއްގައި ފަރުވާދިނުމަށް ޚާއްސަ ފްލޫ ކުލިނިކެއް ހޮސްޕިޓަލްގައި ޤާއިމްކުރައްވާފައިވާކަމަށާއި، ޑޮކްޓަރަށް ދެއްކުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަމަށް، އޭނާ ވިދާޅުވިއެވެ. މި ބައްޔައް ޝައްކުކުރެވޭ ކޭސްއެއް ފެނިއްޖެނަމަ އެޑްމިޓްކޮށް އެހެން މީހުންނާއި އެކަހެރިކޮށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސަފައިވާކަމަށާ، މާލެއިން ސްޕެޝަލިސްޓު ޑޮކްޓަރުން ގެނެސް ފަރުވާދޭން ޖެހިއްޖެނަމަ އެކަންވެސް ކުރެވޭނެކަމަށް ހަބީބް ވިދާޅުވިއެވެ. 

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ، ހެލްތު ސާރވިސަސް ޢަބްދުﷲ ޖަމީލް ވިދަޅުވީ، ފްލޫ ކްލިނިކަށް ކޮންމެ ވަގުތަކުވެސް ޑޮކްޓަރަށް ދެއްކޭނެކަމަށެވެ. އަދި މި ބައްޔަށް ފަރުވާދެވޭނެ ބޭހާއި އެހެނިހެން އިންތިޒާމްތަކެއް ހޮސްޕިޓަލްގައި ޤާއިމުކުރައްވާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ޚާއްޞަ ޓާސްކު ފޯހެއް މިހާރު ވަނީ އައްޑޫސިޓީގައިވެސް އެކުލަވާލައްވާފައެވެ. އަދި ދަމަވެށިން ގެންދަވަނީ، މި ބައްޔަށް ޢާންމުން ހޭލުންތެރިކުރުމަށްޓާކައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ ޓީމްތައް ސްކޫލްތަކަށާއި، ގޭގެއަށް ޒިޔާރަތްކޮށް މި ބައްޔާ ގުޅޭ މަޢުލޫމާތުތައް ދަނީ ދެމުންނެވެ.