ސިއްހަތު

މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށައިފި


މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ޖެހުމުގެ މަސައްކަތް އައިޖީއެމްޗުން ފަށްޓަވައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އެ ހޮސްޕިޓަލުގެ ރިޕްރޮޑަކްޓިވް ހެލްތް ކުލިނިކުން މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކާ ހަމައަށް ވެކްސިން ޖެހުމުގެ ހިދުމަތް ދެއްވަމުން ގެންދަވާނެކަމަށެވެ. އަދި ވެކްސިން ޖަހަން އަންނަ އިރު މާބަނޑު މީހާގެ އައިޑީކާޑާއި، ޕްރެގްނެންސީ ކާޑް ގެންނެވުމަށް އެ ހޮސްޕިޓަލުން އެދިވަޑައިގެންނަވައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރިން ވިދާޅުވެފައިވަނީ، އިންފުލުއެންޒާ ވެކްސިންގެ ލިމިޓެޑް ސްޓޮކެއް އެބަހުރިކަމަށާއި، ވެކްސިން ދިނުމުގައި ބަލީގެ ނުރައްކާ ބޮޑު މީހުންނަށް އިސްކަންދެއްވާނެކަމަށެވެ. އިންފުލުއެންޒާ ބަލީގެ ނުރައްކާ ބޮޑު މީހުން ހަތަރު ބަޔަކަށް ބަހާލާފައިވެއެވެ. އެހީ މާބަނޑު މީހުންނާއި، ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، ފަސްދޮޅަސް އަހަރުން މަތީގެ ބޮޑެތި މީހުންނާއި، ފުއްޕާމޭ ނުވަތަ ހިތުގެ ބަލި ހުންނަ މީހުންނެވެ.

ސަރުކާރުން ގެންދަވަނީ ހުމުގެ ރޯގާ އާއި ގުޅިގެން ޤައުމީ ފެންވަރެއްގައި މިކަން ހައްލުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިކަމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ރާއްޖޭގައި މިވަގުތު އެބަހުރިކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިތުރަށް ބޭނުންވާނަމަ އެ ތަކެތި ގެނެވޭނެ އިންތިޒާމް ރޭވިފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.