ޚަބަރު

މުސްޙަފް މާލްދީފް މުވައްޒަފުންނަށް ބައްސަވަން ފަށްޓަވައިފި


ކޮންމެ ދިވެއްސަކަށް މުސްހަފެއް ދެއްވުމަށް ހިންގަވާ މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން، ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބައްސަވަން ފަށްޓަވައިފިއެވެ.

މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ސަތޭކަ ހާސް މުސްޙަފް ޗާޕްކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްޙަފް ބައްސަވަން ފެށްޓެވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކުންފުނިތަކުގެ ވެރިންނާ މުސްޙަފް ޙަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދުއެވެ. ސަރުކާރުގެ ދިހަ ކުންފުންޏަކަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްޙަފް ބަހަން ޙަވާލުކުރައްވާފައިވެއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށާއި މުސްހަފް ޗާޕުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

"މުސްޙަފް މާލްދީފް މަޝްރޫޢުގެ ދަށުން މިހާތަނަށް އެއްލައްކަ މުސްޙަފް ޗާޕުކޮށްގެން ރާއްޖެ ގެނެވިފައިވޭ ކ. މީގެ ދެވަނަ ބުރު އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގައި ފެށިގެންދާނެ. އެކަމާ ގުޅޭ ގޮތުން ހަތިމް ޗާޕުކުރުމަށް އަޅުގަނޑުމެން ދަނީ މަޝްވަރާކުރައްވަމުން'' އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14895042139657.jpg|ކުންފުނިތަކުގެ މުވައްޒަފުންނަށް މުޞްޙަފް މާލްދީފް ބެއްސެވުން ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މުސްހަފް ޗާޕުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ޙަވާލުކުރައްވާފައިވަނީ ބަހުރައިން ސޮސައިޓީއާއެވެ. މުސްޙަފް މާލްދީފަކީ ރާއްޖެއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުސްޙަފެކެވެ. މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހި ދައުލަތުގެ ނިޝާނާ ލޯގޯ ބޭނުންކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި، މުސްޙަފް ބެހުމަށް ހަމަޖެހިފައިވަނީ އުމުރުން ފަނަރަ އަހަރާއި ސާޅީސް ފަސް އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށެވެ. މާލެއާ އަތޮޅުތެރޭގައި އުޅޭ އެއުމުރުފުރާގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުސޫލުތަކުގެ ދަށުން، މުސްޙަފް ދެއްވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެމަސައްކަތް ކުރިއަށް އޮތް ދޮޅުމަސްތެރޭގައި ނިންމަވާލެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މުޞްޙަފް މާލްދީފް ޕްރޮގްރާމަކީ ދިވެހި ކޮންމެ ރައްޔިތަކަށް މުޞްޙަފެއް ދެއްވުމަށް މިނިސްޓްރީން ހިންގަވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ފުރަތަމަ ކޮޕީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަބްދުލް ޤައްޔޫމަށް އަރުވާފައިވަނީ 27 ސެޕްޓެމްބަރ 2016 ގައެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުސްޙަފެއް ދެއްވުމެވެ.