މުނިފޫހިފިލުވުން

އައިޑަލްގެ ޝޯވތައް އަންނަ ހަފްތާއަށް ފަސްކޮށްފި


މޯލްޑިވަން އައިޑަލް ސީޒަން ދޭއްގެ މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯވތައް، އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

މިކަން ހާމަކޮށް، ޕީ.އެސް.އެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދުވަސްކޮޅު ތަފާތު ވައިރަލް ރޯގާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާތީ، އެކަން ކޮންޓްރޯލްކުރެއްވުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމުގެގޮތުން، އައިޑަލްގެ މިހަފްތާ ބަންދުގެ 2 ޝޯވ އަންނަ ހަފްތާގެ ބަންދަށް ފަސްކޮށްފައިވާކަމަށެވެ.

ގާލާ ރައުންޑުގެ ޝޯވތަކާއެކު ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި އައިޑަލަކަށްވުމަށް ބައިވެރިން ކުރާ ބުރަ މަސައްކަތުގެ ޙަޤީޤީ ޖޯޝާއި ފޯރި މިހާރު އަންނަނީ ފެންނަމުންނެވެ. ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިންނާއެކު ފެށި ދެވަނަ ސީޒަންގެ ޝޯވތައް ވަރަށްވެސް ޝަޢުގުވެރި ހިސާބަކަށް ގޮސްފައިވާއިރު، މިހާރު މިވަނީ އައިޑަލްގެ ގަދަ 10 އަކަށް ދަތުރުކުރި ބައިވެރިން ޔަޤީންވެފައެވެ.

ޕީ.އެސް.އެމްގެ މި ނިންމުމާއެކު، ހުކުރު ދުވަހު އޮންނަ ގާލާ ރައުންޑުގެ ތިން ވަނަ ޝޯވ އަދި ހޮނިހިރު ދުވަހުގެ އެލިމިނޭޝަން ނައިޓް މި ހަފްތާއަކު ޓީ.ވީ.އެމުން ގެނެސްނުދޭނެއެވެ. އަދި މި ދެ ޝޯވވެސް ޓީ.ވީ.އެމުން ގެނެސްދޭނީ ދެން އަންނަ ހަފްތާގެ ބަންދުގައިއެވެ. 

ގާލާ ރައުންޑުގެ ޝޯވތަކާއެކު، އާއްމުންގެ މެދުގައި އައިޑަލްއަށް އޮންނަ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުންދާއިރު، ކޮންމެ ހަފްތާއެއްގެވެސް އޮންނަ އެލިމިނޭޝަން ނައިޓުން ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއަކު އައިޑަލް ޝޯވއާ ވަކިވެގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލަށް ދަތުރުކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.