ތަރައްްޤީ

ތާޖުއްދީން ސްކޫލްގައި ފްލޫ ކްލިނިކެއް ޤާއިމްކުރައްވައިފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ތާޖުއްދީން ސްކޫލްގައި ޤާއިމްކުރެއްވި ފްލޫ ކްލިނިކް ހުޅުވައި، ރަސްމީކޮށް ޚިދުމަތް ދޭން ފަށްޓަވައިފިއެވެ. 

ތާޖުއްދީން ސްކޫލްގައި ޤާއިމްކުރެއްވި ފްލޫ ކްލިނިކުން އެއްފަހަރާ 6 ބަލި މީހުން ބެއްލެވުމުގެ އިންތިޒާމް ހަމަޖައްސަވާފައިވެއެވެ. ޓެސްޓް ހެދުމުގެ އިތުރުން އެކްސްރޭ ނެގޭނެ އިންތިޒާމްވެސް ވަނީ ތާޖުއްދީން ސްކޫލްގައި ހަމަޖައްސަވާފައެވެ. 

މިތަނަށް އަންނަ ބަލި މީހުން ބެއްލެވުމަށް ސްޕެޝަލިސްޓް ޑޮކްޓަރުން ތިއްބަވާއިރު، މެޑިކަލް އޮފިސަރުންވެސް މިތަނުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

ތާޖުއްދީން ސްކޫލްގައި ހުޅުވި ފްލޫ ކްލިނިކަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ. 

ތާޖުއްދީން ސްކޫލްގައި ފްލޫ ކްލިނިކެއް ޤާއިމްކުރައްވާފައިވާއިރު، އައިޖީއެމްއެޗުގައިވެސް ވަނީ ޚާއްސަ ފްލޫ ކްލިނިކެއް ޤާއިމްކުރައްވާފައެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭގައިވެސް ވަނީ ފުލޫ ކްލިނިކެއް ހުޅުވާފައެވެ.

ރާއްޖޭގައި ރޯގާ ފެތުރެމުންދާތީ އަދި މީގެތެރޭގައި ބައެއް މީހުން އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައިވާތީ، ސަރުކާރުން ވަނީ އެކަން ކޮންޓްރޯލްކުރެއްވުމަށާއި އަދި ފަރުވާގެ ކަންކަން ފުޅާކުރައްވައި ޚިދުމަތް ދެއްވުން އަވަސްކުރެއްވުމަށާއި ބަލިމީހުންނަށް ޚިދުމަތް ލިބިގަތުން ފަސޭހަކުރެއްވުމަށް މަސައްކަތް ފަށްޓަވާފައެވެ. މިރޯގާގައި މީހުންނަށް ފަރުވާދެއްވުމުގެ ކަންކަން ވިލަރެސްކުރެއްވުމަށް އައިޖީއެމްއެޗުން ވަނީ ޚާއްޞަ ޓާސްކްފޯސްއެއް އުފައްދަވާފައެވެ. މިޓާސްކް ފޯސްގެ އިސް ބޭފުޅަކީ ޑޮކްޓަރ ޢަލީ ލަޠީފްއެވެ. ހޮސްޕިޓަލްގެ ކަމާގުޅޭ މުހިންމު ދާއިރާތަކުގެ ބެފުޅުންގެ މައްޗަށް އެކުލެވޭ މި ޓާސްކްފޯސްގެ ބެލުމުގެ ދަށުން ބަލިމީހުން ބެލުމާއި ޓެސްޓްތައް ހެދުމާއި ފަރުވާގެ ޚާއްޞަ އެކި އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.