ސިއްހަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކިޔެވުން މެދުކަނޑާލައިފި


ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގެ ކިޔެވުން މެދުކަނޑާލައިފިއެވެ.

ޔުނިވަރސިޓީތަކުގެ ކިޔެވުން މެދުކަނޑާލާފައިވާއިރު، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެޗްޕީއޭ އިން ދެއްވި ލަފަޔާއިއެއްގޮތަށް ސްކޫލްތަކުގެ ކިޔެވުންވެސް ބަންދުކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، އެ ޔުނިވަރސިޓީގެ ފެކަލްޓީތަކުން މަޝްވަރާ ކުރެއްވުމަށްފަހު، ޔުނިވަރސިޓީން ހިންގާ ކޯސްތަކުގައި މިހަފްތާގައި ކިޔަވައިދޭން ހަމަޖެހިފައިވާ ކްލާސްތަކުގެ ކިޔެވުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާއަކީ ޔުނިވަރސިޓީގެ މިޑް ސެމިސްޓަރ ބްރޭކްކަމަށްވާތީ ދެން ކިޔެވުން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުކަމަށް އެފަރާތުން ވިދާޅުވެއެވެ.

މިމުއްދަތުގައި ރާވާފައިވާ ބްލޮކް މޯޑް ކްލާސްތައް ކެންސަލްކުރުމާއި ގުޅޭގޮތުން ފެކަލްޓީތަކުން ނިންމާގޮތެއް، ވަކިވަކި ފެކަލްޓީތަކުން އެފެކަލްޓީއެއްގެ ދަރިވަރުންނަށް އަންގާނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މީގެ އިތުރަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުވެސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ. މިރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ދަސްވެނިވާ ދަރިވަރުންނަށް ފަހުން އަންގާނެކަމަށްވެސް ޔުނިވަރސިޓީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވީ އެޔުނިވަރސިޓީން ހިންގާ ކޯސްތަކުގެ ކިޔެވުން ވެސް ވަނީ ކެންސަލްކޮށްފައެވެ. އެޔުނިވަރސިޓީގެ ކިޔެވުންވެސް ދެން ފެށޭނީ މިޑް ޓާރމް ބަންދަށްފަހު ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.