ޚަބަރު

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި


އިންފުލުއެއްންޒާ އެޗްވަންއެންވަން ހަލުވިކަމާއި އެކު ފެތުރެމުންދާތީ، އެއްރަށުން އަނެއްރަށަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން އިލްތިމާސްކުރައްވައިފިއެވެ. 



ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ އެޗްވަންއެންވަންއަށް ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދެއްވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ޑރ.އަބްދުﷲ ނިޔާފް ވިދާޅުވީ، ކުރިއައް އޮތީ ސްކޫލް ބަންދު ދުވަސްތައްކަމަށްވުމާއެކި ގިނަ ޢަދަދެއްގެ މީހުން އެކި ކަންތައްތަކުގައި މާލެއަށް ދަތުރުކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ދަތުރު ފަތުރު ކުރުމުގެ ސަބަބުން މި ބަލި އިތުރަށް ފެތުރެން މެދުވެރިވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

މިހާރު ފެތުރުމުންދަ ރޯގާ އިން ރައްކާތެރިވެ ތިބުމަށްޓަކައި، ކޮންމެހެން ކުރަން ޖެހިގެން ނޫންގޮތަކަށް ދަތުރު ނުކުރުމަށް ޑރ. ނިޔާފް އިލްތިމަސްކުރެއްވިއެވެ. 

އެޗްޕީއޭ އިން ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގެ ތެރެއިން ހދ.ކުޅުދުއްފުށްޓާއި ރ.އަލިފުށިން އެޗްވަންއެންވަންގެ ކޭސްތަކެއް ފެނިފައިވާކަމަށެވެ. މި ރޯގާއަކީ ވަރަށް ފަސޭހައިން ފެތުރޭ ރޯގާއެއްކަމުން، އާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުމަށާއި، ސާފްތާހިރުކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. 

އެޗްވަންއެންވަން ރާއްޖޭގައި މިހާރު ފެތުރެމުންދާއިރު، އަވަށްޓެރި ޤައުމުތަކުގައިވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ޙާއްސަކޮށް ބަންދުތަކާ ދިމާކޮށް އެންމެ ގިނައިން ދިވެހިން ދާ އިންޑިއާގައިވެސް މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި އަހަރު ތެރޭގައި މި ބަލީގެ ސަބަބުން 26 މީހުން މިހާތަނަށް މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ދިވެހިން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި ސަމާލުވެ ފިޔަވަޅުއެޅުމަކީ ވެސް މުހިންމުކަމެކެވެ.