ޚަބަރު

ކަންނެލި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި


މަސްވެރިކަމަށް ނުކުމެ އުޅުނު ކަންނެލި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

13 ދިވެހިންނާއިއެކު މަސްވެރިކަމު ނިކުތް މި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު ހަތަރުގަޑި ދިހައެއް ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސ.މަރަދޫ "އޮއިވަރު" ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި ދޯންޏާ ގުޅުނު އިރު، މަސްވެރިކަން ކުރުމަށް މި ދޯނި ދަތުރުކުރަމުން ދިޔައީ ރާއްޖޭގެ އުތުރަށް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

78 ފޫޓުގެ މިދޯނީގެ ބޭރުގައި ހުދުކުލައިގެ ދަވާދު ލާފައިވާކަމާއި ދޯނީގެ ގެ ގަނޑުގައި ފެހި ކުލައިގެ ދަވާދުލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ. މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑަށް އަންގަވާ ދެއްވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކުރައްވާފައެވެ.