ވިޔަފާރި

އެމްއައިބީގެ އައްޑޫ ބްރާންޗުގެ ޚިދުމަތް މާޗްމަހު ފަށަން ނިންމައިފި




 


މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައްޑޫ ބްރާންޗްގެ ޚިދުމަތް އަންނަ މާޗްމަހުގެ ތެރޭގައި ފަށާގޮތަށް އެބޭންކުން ނިންމައިފިއެވެ.


 
މޯލްޑިވްސް އިސްލާމިކް ބޭންކްގެ މާކެޓިންގ އެންޑް ސޭލްސް މުހައްމަދު ޝަފާޒް ހަސަން ވިދާޅުވީ އައްޑޫސިޓީގައި ހުޅުވާ އެބޭންކްގެ ގޮފި ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ބޭންކްގެ ހިދުމަތް ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އެމަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި އަންނަ މާޗްމަހުގެ ތެރޭގައި ބޭންކްގެ ހިދުމަތް ރަސްމީކޮށް ފެށިގެންދާނެކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.


 
މީގެ އިތުރުން މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އެގޮތުން ބޭންކްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް އައްޑޫސިޓީގެ މުވައްޒަފުންކަމަށް އެބޭންކުން ބުނެއެވެ.


 
ޝަފާޒް ވިދާޅުވީ އެބޭންކުން މާލޭގައި ދެމުންދާ ހުރިހާ ޚިދުމަތެއްވެސް އައްޑޫ ބްރާންޗުން ދޭން ނިންމާފައިވާކަމަށާއި އެބޭންކުގެ ހުރިހާ ހިދުމަތްތަކަކީވެސް އިސްލާމީ އުސޫލްތަކާ އެއްގޮތަށް ދެވޭ ހިދުމަތްތަކެއްކަމަށެވެ.


 
 
ރާއްޖޭގައި ހިދުމަތް ފެށިތާ 3 އަހަރު ވެފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މިހާތަނަށް މާލޭގެ ދިރިއުޅޭ މީހުންގެ 70 އިންސައްތަ މީހުން އެބޭންކުގެ ހިދުމަތް ހޯދާކަމަށާއި، އެއާއި އެކު އައްޑޫ ބްރާންޗަށްވެސް އެފަދަ ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށެވެ.


 
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗެއް އައްޑޫސިޓީގައި އަންނަ މާޗްމަހުގެ ތެރޭގައި ހުޅުވިގެންދާއިރު، ބޭންކް އޮފް މޯލްޑިވްސްއާއި އެސްބީއައިން މިހާރުވެސް އައްޑޫގައި ދަނީ ބޭންކްގެ ހިދުމަތް ދެމުންނެވެ.