ތަރައްްޤީ

ރަޝިޔާގެ އަގު ވައްޓާލުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން- ރަޝިޔާ


އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާއިން އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި ރަޝިޔާއަކީ ބިރުވެރިބައެއްގެ ގޮތުގައި ސިފަކުރަން ބަޔަކު މަސައްކަތްކުރަމުންދާކަމަށް އެޤައުމުން ތުހުމަތުކޮށްފިއެވެ.

ސީއެންއެންއާ ވާހަކަދައްކަވަމުން ރަޝިޔާގެ ރައީސްގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނޫފުޒު ފޯރުވިކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރަޝިޔާ ސަރުކާރުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތްކުރިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައްވެސް ޕެސްކޯވް ދޮގުކުރެއްވިއެވެ. ޕެސްކޯވްގެ ވާހަކަފުޅުގައި ރަޝިޔާއިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެމެރިކާއިން ބުނުމުން، އެއީ އެމެރިކާގެ އަގު އެޤައުމުން އަމިއްލައަށް ވައްޓާލުންކަމަށް ސިފަ ކުރެއްވިއެވެ.

"އެމެރިކާއަކީ ބޮޑު ޤައުމެއް.. ކުރިއަރާފައިވާ ޤައުމެއް.. ދުނިޔޭގެ އެންމެ ބާރު ގަދަ ޤައުމު. އުޞޫލުތަކެއްގެ މަތީގައި ހިފަހައްޓަމުން އައި ސިޔާސީ ސަޤާފަތެއް އޮތް ޤައުމެއް.. އެހެން އެކަންކަން އޮއްވާ މިބުނަނީ އެހެން ޤައުމަކަށް ވަރަށް ފަޞޭހައިން އެމީހުންގެ ވޯޓްލާ ސިސްޓަމަށް ނުފޫޒު ފޯރުވޭނެޔޭ.. މިއީ ވަރަށް ސާފުކޮށް އެނގޭ ނުވާނޭކަމެއް ކަން.." ޕެސްކޯވް ވިދާޅުވިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުންނާއި ސަލާމަތީ އިދާރާތަކުން ނެރުނު ރިޕޯޓްތަކުގައި ރަޝިޔާއިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ބުނާއިރު، ޕެސްކޯވް ވިދާޅުވީ އެކަމުގައި އިތުބާރު ކުރެވޭ ވަރުގެ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައިނުވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14894151653255.jpg|ރަޝިޔާގެ ރައީސްގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް / ރަޝިޔާއާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކެއް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

"އަހަރެމެންނަށް މިހާތަނަށް މިފެނުނީ އާއްމުކޮށް އެންމެންނަށް ފެންނަ ގޮތަށް ޝާއިޢު ކުރި އިންޓެލިޖެންސް ރިޕޯޓެއް... އެއީ އޭގެ މައްޗަށް ބިނާކޮށް ގޮތެއް ނިންމަންޖެހޭވަރުގެ އިތުބާރު ހުރި ރިޕޯޓެއް ނޫން." ޕެސްކޯވް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮނާލްޑް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ބައެއް ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތައް ދިފާޢުކޮށް ޕެސްކޯވް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ސަފީރު ކުރައްވަނީ ޑިޕްލޮމެޓިކް މަސައްކަތްޕުޅުކަމަށެވެ.

"އޭނާ މަޝްވަރާކުރަމުންދިޔައީ އެމެރިކާގައި ހިނގަމުންދާ ކަންކަމާބެހޭ ގޮތުން.. އޭރުން ރަޝިޔާއަށް އެކަމުގެ ރަނގަޅު މަޢުލޫމާތު ލިބި، ވާނުވާ އެނގިފައި ތިބެވޭނީ.. މިއީ ރަޝިޔާގެ ހުރިހާ ސަފީރުންވެސް އެހެން ޤައުމުތަކުގައި މަސައްކަތްކުރައްވާ ގޮތް. އެމެރިކާގެ ސަފީރުންވެސް ކަންކަން ކުރައްވާނީ ހަމަ މިހެން" ޕެސްކޯވް ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލާފައިވާކަމަށް އިންތިޚާބުން ބަލިވި ޑިމޮކްރެޓިކް ޕާޓީއަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މިކަމުގެ އަޑީގައި ތިބީ ރަޝިޔާގެ ހެކަރުންތަކެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މިއީ ރަޝިޔާގެ ސަރުކާރު އަޑީގައި އޮވެގެން ކުރިކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަމާބެހޭ އެއްވެސް ރަސްމީ ތަހްޤީޤެއް މިހާތަނަށް ހިންގާފައެއްނުވެއެވެ.