ތަޢުލީމު

ސްކޫލް އެޑެޕްޓޭޝަން ޕްރޮގްރާމް ލ.އަތޮޅުގައި ފަށްޓަވައިފި


ވަކިވަކި އަތޮޅުތަކަށް ޚާއްސަކުރައްވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދަވާ ސްކޫލް އެޑޮޕްޓޭޝަން ޕްރޮގްރާމް، ލ. އަތޮޅުގެ ސްކޫލްތަކަށް އަމާޒުކުރައްވައިގެން ފަށްޓަވައިފިއެވެ. 

މިއީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލް ތަކުގެ ނަތީޖާ ރަނގަޅުކުރެއްވުމަށްޓަކައި އެ މިނިސްޓްރީން ފަށްޓަވާފައިވާ ޕްރޮގްރާމެކެވެ.

ސްކޫލް އެޑެޕްޓޭޝަން ޕްރޮގްރާމަކީ ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައިގެން ކުރިއަށް ގެންދަވާ މި މަޝްވަރާ ބައްދަލުވުންތަކުގައި ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވަނީ އަތޮޅުތަކުގައި ތިއްބަވައިގެނެވެ. ލ. އަތޮޅުގެ ސްކޫލްތަކަށް ފެށްޓެވި ޕްރޮގްރާމްގައި އެ އަތޮޅުގެ ހުރިހައި ސްކޫލަކުން ބައިވެރިވެއެވެ. 

ލ އަތޮޅުގެ އިތުރުން އއ، އދ، ނ، ބ އަތޮޅު އަދި އައްޑޫ ސިޓީގައިވެސް މި ޕްރޮގްރާމް ވަނީ ފަށްޓަވާފައެވެ. އަދި ހދ. އަތޮޅުގައި ވެސް މި ޕްރޮގްރާމް ފެށްޓެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މި އަތޮޅުތަކުގައި މި ޕްރޮގްރާމް ފަށްޓަވާފައިވަނީ 2014 އިން ފެށިގެން ނިމުނު އަހަރުގެ ނިޔަލަށް ކ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވައި އޭގެ ނަތީޖާ އަށް ބެއްލެވުމަށް ފަހުއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ކ. އަތޮޅު ސްކޫލުތަކުގެ ޕްރިންސިޕަލުން ވިދާޅުވީ މި ޕްރޮގްރާމްގެ ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ.

ސްކޫލް އެޑެޕްޓޭޝަން ޕްރޮގްރާމްގެ ދަށުން ކ އަތޮޅުގައި ކުރެވުނު މަސައްކަތުގެ ދަށުން އެ އަތޮޅުގެ ސްކޫލްތަކުގެ ނަޖީތާ ނިމުނު އަހަރު ރަނގަޅު ކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އެގޮތުން ނިމުނު އަހަރު އެ އަތޮޅުގެ ހުރިހައި ސްކޫލަކުން ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.