ޚަބަރު

މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ %80 ތަޙްޤީޤް ކުރެވުނު


ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޤާނޫނުން ހިއުމަން ރައިޓްސް ކޮމިޝަނަށް ލިބިދޭ ހުރިހާ ބާރެއްގެ ބޭނުން ކުރާނެކަމަށް އެކޮމިޝަންގެ ނައިބުރައީސް ޝިފާޤް މުފީދު ވިދާޅުވެއްޖެއެވެ. ހިއުމަންރައިޓްސް ކޮމިޝަންގެ ނައިބުރައީސް މިހެން ވިދާޅުވީ އެކޮމިޝަންގެ އަރަރީ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކޮމިޝަނުން 1190 މައްސަލަ ތަޙްޤީޤްކުރައްވާފައިވެއެވެ. 2016 ވަނަ އަހަރަކީ އެކޮމިޝަންގެ ތާރީޚްގައިވެސް އެންމެ ގިނަ މައްސަލަތައް ނިންމެވި އަހަރުކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

އެޗް.އާރ.ސީ.އެމްގެ އަހަރީ ރިޕޯޓް ނެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ނައިބުރައީސް ޝިފާޤް މުފީދު ވިދާޅުވީ، ރާއްޖޭގައި އިންސާނީ ޙާއްގުތައް ކަށަވަރު ކުރެއްވުމަށް އެކޮމިޝަންގެ ބައެއް މަސައްކަތްތަކަށް ޢާންމުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އެއްބާރުލުން ނުލިބިދާކަމަށެވެ. އެހެންނަމަވެސް އެއްވެސް ރައްޔިތެއްގެ އިންސާނީ ޙައްޤެއް ގެއްލިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅި ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެކޮމިޝަނަށް އެއްބާރުލުން ނުލިބޭނަމަ ޤާނޫނުން އެކޮމިޝަނަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރެއްވުމަށް ނިންމަވާފައިވާކަމަށް ޝިފާޤް ވިދާޅުވިއެވެ. އަދި މިކަމުގައި ޢާންމު ރައްޔިތެއް އަދި ދައުލަތުގެ މުއައްސަސާއެއް ނުވަތަ ވުޒާރާ އެއްވިޔަސް އިންތިސްނާ ނުކުރައްވާނެކެމަށް ޝިފާޤް ވިދާޅުވިއެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން އެކޮމިޝަނުން ބަލަމުންދާ މައްސަލައެއްގެ ތަޙްޤީޤް މަރުހަލާގައި އެކޮމިޝަނަށް މީހަކު ހާޟިރުކުރުމަށް އަމުރު ނެރެވިދާނެއެވެ. އަދި އެކޮމިޝަނުން ނެރުއްވާ އެފަދަ އަމުރަކަށް ތަބާނުވެއްޖެނަމަ ޤާނޫނުގައިވާގޮތުގެ މަތިން އެމީހަކު 3 މަސްދުވަހަށް ގޭގައި ބަންދުކުރެވިދާނެ، އަދި ދައުލަތުގެ ވަޒީފާއެއް އަދާކުރާ މީހެއްނަމަ ވަޒީފާއިން ވަކިކުރެވިދާނެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ވޭތެވެދިޔަ އަހަރުތެރޭގައިވެސް ވަނީ ދައުލަތުގެ މުއައްސަސާތަކުން ކުރާ އެކި މަސައްކަތްތަކާއި، އެކުލަވާލާ އުސޫލުތަކުގައި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބައްލަވައި، ކަމާބެހޭ މުއައްސަސާތަކަށް އެކި ހުށައެޅުންތައް ހުށައަޅުއްވާފައެވެ. އަދި ޤާނޫނީ އޮނިގަނޑުގައި މިހާރު އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށްވެސް ލަފާއަރުއްވާފައިވެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނަށް ވޭތުވެދިޔަ އަހަރުގެތެރޭގައި 533 މައްސަލަ ހުށައެޅިފައިވެއެވެ. އޭގެތެރެއިން 61 މައްސަލައަކީ އެކޮމިޝަނުން އިސްނަގައިގެން ބަލާފައިވާ މައްސަލައެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅުންހުރި މައްސަލަތަކާއި، ސިއްޙީ ފަރުވާއާ ގުޅުންހުރި މައްސަލަތަކާއި، ޤައިދީންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކެވެ.

ވޭތުވެދިޔައަހަރު ހިއުމަންރައިޓްސް ކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ 80 އިންސައްތަ މައްސަލަ އެއަހަރުގެ ތެރޭގައި ނިންމަވާފައިވާކަމަށް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ.