ޚަބަރު

ހަތަރު ރަށަކާއި އެއް އަތޮޅު ކައުންސިލަކަށް މެމްބަރުން ހޮވިއްޖެ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 4 ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލްގެ އެއްދާއިރާއަކަށް، އިންތިޚާބު ނުބައްވައި މެމްބަރުން ހޮވިއްޖެއެވެ.

ކުރިމަތިލީ ކެންޑިޑޭޓުންގެ ޢަދަދު އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ ޢަދާދާއި އެއްވަރުވުމުން އިންތިޚާބަކަށް ނުގޮސް ކައުންސިލަރުން ހޮވިފައިވަނީ ރ.ކިނޮޅަހު ކައުންސިލާއި، އދ.ދިއްދޫ ކައުންސިލާއި، މ.ރަތްމަންދޫ ކައުންސިލާއި ތ.ގުރައިދޫ ކައުންސިލަށެވެ.

ތިން ކައުންސިލަރުން އިންތިހާބްކުރަންޖެހޭ ރ.ކިނޮޅަހު ތިން ގޮނޑިއަށްވެސް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. ދެ ގޮނޑި އާއި އެކު އދ.ދިއްދޫ ކައުންސިލްގެ މެޖޯރިޓީ  ޕީޕީއެމަށް ލިބިފައިވާއިރު އެކައުންސިލްގެ ދެން ހުރި ގޮނޑި ލިބފައިވަނީ އަމިއްލަ ގޮތުން ވާދަކުރި މެމްބަރަކަށެވެ.  

މ.ރަތްމަންދޫ ކައުންސިލަށް ތިން މެމްބަރުން އިންތިހާބްކުރަންޖެހޭ އިރު އެ ކައުންސިލްގެ ތިން މަމެބްރުންގެ ގޮތުގައިވެސް ހޮވިފައިވަނީ އަމިއްލަ ގޮތުން ނަން ހުށައެޅި ތިން ކެންޑިޑޭޓުންނެވެ. 3 ކައުންސިލަރުން ތިބޭ ތ.ގުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއަކަށްވެސް ހޮވިފައިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ނުކުތް ތިން ކެނޑިޑޭޓުންނެވެ.

އަތޮޅު ކައުންސިލްތަކުން ހދ.އަތޮޅު ކައުންސިލް ނޮޅިވަރަމް ދާއިރާއަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލާފައިވާތީ އެ ދައިރާގެވެސް އިންތިޚަބު ބާއްވާކަށް ނުޖެހެއެވެ. ހދ.އަތޮޅު ކައުންސިލް ނޮޅިވަރަމް ދާއިރާގެ ގޮނޑި ލިބިފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 1487 ކެނޑިޑޭޓުން ވާދަކުރާއިރު އެގެތެރެއިން 363 ކެނޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި 179 ރަށަކަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 ކައުންސިލަރުން އިންތިހާބުކުރަންޖެހެއެވެ. އަދި މާލެއާއި އައްޑޫ އަދި ފުވައްމުލަކު ސިޓީން ކައުންސިލްތަކަށް ޖުމްލަ ތޭވީސް ކައުންސިލަރުން އިންތިބާކުރަންޖެހެއެވެ.